މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ކުރާ ކައިވެނީގެ ވެޑިން ޑްރެސް އާއި ޒީނަތްތެރިވުމުގެ ހަރަދު ނުދޭ ގޮތަށް ނިންމައި، އެކަމާ ބެހޭ އާ ފޯމެއް ހައުސިން މިނިސްޓްރީން މިއަދު ދޫކުރަން ފަށައިފި އެވެ.

ބްރިޖް މަތީގައި ކައިވެނިކުރަން މިއަދު ހެނދުނު ދޫކުރި ފޯމުގައިވާ ގޮތުން، ކައިވެނީގައި އަންހެން މީހާ ލާ ހެދުމުގެ ހަރަދަށް، 15،000 ރުފިޔާ އަދި ފިރިހެން މީހާގެ ހެދުމަށް، 7000 ރުފިޔާ ދިނުމުގެ އިތުރުން ޒީނަތްތެރިވާން ވެސް ކޮންމެ މީހަކަށް 5،000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށް ފޯމުގައި ބުނެފައިވެ އެވެ. އެހެންކަމުން ހަމައެކަނި ކައިވެނީގެ ހެދުމާއި ޒީނަތްތެރިވުމަށް ސަރުކާރުން ކޮންމެ ދެމަފިރިއަކަށް 32،000ރ ހޭދަކުރަން ކުރިން އެ އޮތީ ހަމަޖައްސައިފަ އެވެ.

އެކަމަކު މި ހުރިހާ ފައިސާއެއް ކަނޑާލައި، މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އާ ފޯމެއް ދޫކުރަން ވަނީ ފަށާފަ އެވެ.

ހައުސިން މިނިސްޓްރީގެ ތަރުޖަމާން އަހުމަދު ފަޒާލް ވިދާޅުވީ ވެޑިންޑްރެސް އާއި ޒީނަތްތެރިވުމަށް ދޭ ފައިސާ ކަނޑާލީ، ހީކުރި ވަރަށް ވުރެ ގިނަ ބަޔަކު ފޯމު ނަގަމުން ދާތީ، އެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް، ހައުސިން މިނިސްޓްރީއަށް ގޮސްގެން، 250 އަށް ވުރެ ގިނަ މީހުން ފޯމު ނެގި އެވެ. އަދި އޮންލައިންކޮށް ވެސް ގިނަ ބަޔަކު ފޯމު ނެގި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ނިންމައިގެން ތިބީ ވަކި އަދަދަކަށް މީހުންނަށް މި ފުރުސަތު ދޭން. އެހެންވެ، ވެޑިންޑްރެސް އާއި ޒީނަތްތެރިވުމަށް ވެސް އެ ވަރުގެ ހަރަދެއް ކުރަން ނިންމީ. އެކަމަކު އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ގިނަ ބަޔަކު މިކަމަށް އެދޭތީ، އެ ފުރުސަތު ގިނަ ބަޔަކަށް ދޭންވެގެން އެ ހަރަދު އުނިކުރަން ނިންމީ،" ފަޒާލް ވިދާޅުވި އެވެ.

އަންނަ މަހުގެ އެކަކުން ފަހަކަށް ބާއްވަން ނިންމާފައިވާ މި ކައިވެނީގެ ހަފުލާތަކުގައި، ކުރިން ކަނޑައެޅި ހަރަދުތައް އުނިކުރުމުން ސަރުކާރުން ދެން ހޭދަކުރާނީ ކައިވެނީގެ އިންތިޒާމްތަކާއި ސަޔަށާއި ފޮޓޯ ނެގުމަށެވެ. މިހާރު ހަމަޖައްސާފައި ވަނީ ކޮންމެ ކައިވެންޏެއްގައި ބައިވެރިވެވޭނީ ގިނަވެގެން 50 މީހުންނަށެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ބްރިޖް މަތީގައި ޕާޓީ ބާއްވަން ފަސް ތީމެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ. ޕާޓީ ބާއްވަން އެދި ހުށަހަޅާ ފޯމުގައި، ދެ ތީމެއް ހިޔާރު ކުރެވެ އެވެ.

ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ. ހައުސިން މިނިސްޓްރީން ބުނީ ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ފޯމު ހުށަހަޅާއިރު، ފެމެލީ ކޯޓުގެ "ކައިވެނީގެ ފޯމު"ގެ އިތުރުން އެކަމަށް ބޭނުންވާ އެހެން ލިޔެ ކިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައި ނުވާ ނަމަ، އެ އިންތިޒާމް ވެސް އެ މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފަ އެވެ.