ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިިއްޖެ އެވެ.


މިއަދު ހެނދުނު ނުވައެއް ޖަހާކަންހާއިރު، އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ އިން އެއާޕޯޓަށް ދާން އޮންނަ ބޮޑު މަގުގަ އެވެ.

ދެ ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނަކަށެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާކަން ވެސް އެނގިފައި ވެ އެވެ.

މަންޒަރު ދުށް މީހުން ބުނިގޮތުގައި އެކްސިޑެންޓުވީ އެ މީހާ މަގުގެ އަނެއް ފަޅިއަށް އަރަން އުޅެނިކޮށް ފަހަތުން އައި ސައިކަލެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ގެއްލުން ލިބުނެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި، މިދިޔަ މަހުގެ ތެރޭގައި ވެސް ޒުވާނަކު ވަނީ މަރުވެފަ އެވެ.