ފައިސަލް، ކެމްޕެއިނަށް ޓްރިވެންޑްރަމަށް ވަޑައިގެންފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރެއްގައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ވަޑައިގެންފި އެވެ.


އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު ވިދާޅުވީ، ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ތާއީދު އެ ކޯލިޝަނަށް ހޯދުމުގެ ތަފާތު ހަރަކާތްތަކެއް މި ދަތުރުގައި ފައިސަލް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އިންޑިއާގެ އެކި ދިމަދިމާލުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރައްވާނެ. އަދި ކެމްޕެއިން ހިންގާ ފަރާތްތަކާ ވެސް ފައިސަލް ބައްދަލުކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ އަދި ބޭސްފަރުވާއަށް ގިނަ ދިވެހިންތަކެއް ދަތުރުކުރާ ޓްރިވެންޑްރަމްގައި ކެމްޕެއިން ކުރެއްވުމަށް ފައިސަލް ވަޑައިގެންނެވިއިރު، ރިޔާސީ ކެންޑިޑޭޓް އިބޫ މިވަގުތު ކެމްޕެއިން ދަތުރެއްގައި އުޅުއްވަނީ ގއ. އަތޮޅުގަ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޓްރިވެންޑްރަމްގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫ މިދިޔަ ހަފުތާގައި ވަނީ ޓްރިވެންޑްރަމަށް ފަހު، ރާއްޖެއިން ބޭރުގައި ދެން އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި ކެމްޕެއިން ޖަލްސާއެއް ބާއްވައިފަ އެވެ.

ފައިސަލް ކެމްޕެއިނަށް ޓްރިވެންޑްރަމަށް މި ވަޑައިގަތީ މިދިޔަ ތިން ދުވަހު ބ. އަތޮޅުގައި ކެމްޕެއިން ކުރެއްވުމަށް ފަހު އެވެ.