މޯދީ ރާއްޖެ ވަޑައިގަތީ ޑީލެއްގެ ދަށުން: ޚަލީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ގަޑިއިރަށް ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


ޚަލީލް ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި އެ ގައުމުގެ ސިފައިން އިތުރު ކުރުމާއި އައިހެވަން މަޝްރޫއު ދިނުމާއި އައްޑޫ ހިތަދޫ އަދި ޅ. މާފިލާފުށީގައި ހަދަމުން އަންނަ ޓްރެއިނިން ސްކޫލް ދިނުން އިންޑިއާއެކު ރާއްޖޭން ހެދި ޑީލްގައި ހިމެނޭތޯ ސުވާލު އުފައްދަވައިފަ އެވެ.

ޚަލީލް މިއަދު ކުރެއްވި ޓުވީޓު.

ޚަލީލް ވިދާޅުވި ގޮތުގައި ވެރިކަމުގެ އިއްޒަތުގައި ޖެހި، ބަޔަކު މީހުން ރާއްޖެ އަޅުވެތިކަމާ ދިމާލަށް ގެންދަމުންދާ ކަމަށެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން ވިސްނައި ހޭލައިގެން ތިބެ އެކަންކަމާ ދެކޮޅަށް އަޑު އުފުލުމުގައި ދެމިތިބުމަށް ޚަލީލް ވަނީ އެދިވަޑައިގެންފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާއިރު، އެމަނިކުފާނުގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. --- ފޮޓޯ: ރައީސް އޮފީސް
ޚަލީލް މިއަދު ކުރެއްވި ޓުވީޓު.

"ނުރައްކަލުގެ ރަނގަބީލުގެ އަޑު އެންމެ ހަފްތާއަކުން ޖަހަން ފެށީ އެވެ،" ޚަލީލްގެ ޓުވީޓުގައިވެ އެވެ.

އިންޑިއާއާ ގުޅޭގޮތުން ޚަލީލް ދެއްކެވި ވާހަކައިގެ ތަފްސީލް ދެއްވައި އޭނާ "މިހާރު" އަށް ވިދާޅުވީ އައްޑޫގައި ހަދަމުން އަންނަ ޓްރެއިނިން ސްކޫލާ މެދު އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އައްޑޫ އާއި މާފިލާފުށީގައި ޓްރެއިނިން ސްކޫލް ނަމުގައި ހަދަނީ ކޮން ތަނެއް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ރައްޔިތުން އެބަ ބުނޭ، ދޮޅު ކިލޯ މީޓަރުގެ އެ ސަރަހައްދުން އާދަޔާ ހިލާފު ކަންތައްތަކެއް ފެންނަ ކަމަށް. އެމީހުން ބުނީ މިލިޓަރީ ބޭސްއެއް ސިފަވާ ގޮތަށޭ ހުރީ އެތަން،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް މިލިޓަރީ ރޯލެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހެލިކަޕްޓަރުތައް ގްރައުންޑް ކުރަން ޖެހުނީ ވެސް ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަކަށްވާތީ ކަމަށް ވެސް ޕީޕީއެމްގެ އެންމެ އިސް އެއް މެމްބަރު ޚަލީލް ވިދާޅުވި އެވެ.

"ދިވެހިން ތަމްރީން ކުރަން އިންޑިއާ އިން އެއްބަސްވިޔަސް، އެކަމެއް ނުކުރޭ. އިންޑިއާ ސިފައިން ބޭނުންވާ ގޮތަކަށް އެކަންކަން ކުރިއަށް ގެންދަނީ،" ޚަލީލް ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރި ކޮމިޓީގައި ޚަލީލް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އިންޑިއާގެ ހެލިކަޕްޓަރުތައް ނުގެންދިއުމަށް ނިންމުމާއި އިންޑިއާ ސިފައިން އިތުރު ކުރުމަށް ނިންމި ނިންމުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ޔާމީންގެ ސަރުކާރުން ނިންމި އެވެ. އެކަމަކު، ކުރީގެ ސަރުކާރުގެ ނިންމުން ބަދަލުކޮށް، އާ ސަރުކާރުން ވަނީ ދެ ހެލިކޮޕްޓަރު ފޮނުވާނުލުމަށް ނިންމައި، ކުރިން ވެސް ބަލި މީހުން އުފުލުމުގައި ދެ ހެލިކޮޕްޓަރު ބޭނުން ކުރަން ނިންމައިފަ އެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ގަ އެވެ. އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫ ގަން އެއާޕޯޓުގަ އެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގަ އެވެ.

މޯދީ މިދިޔަ ހޮނިހިރު ދުވަހު ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާކުރެއްވި އެވެ. ރައީސް އޮފީހަށް ވަޑައިގެން ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު ނެރުއްވި، ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައި ބުނީ އިންޑިއާ އަށް ރާއްޖެއާ އެކު ތަރައްގީގެ މަގުގައި ކުރިއަށް ދެވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.