އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ސެޕްޓެމްބަރ 2018 - 21:45
ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމުން، މޯދީ ވަނީ އިބޫއާ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް އިންޑިއާއަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވުމުގެ ދައުވަތު ދެއްވި އެވެ. އިބޫ ވަނީ އެ ދައުވަތު ގަބޫލު ކުރައްވައިފަ އެވެ.
މޯދީއާ އެކު ފޯނުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާއާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް މޯދީ ވިދާޅުވި ކަމަށާއި އަދި އެކަން ރަނގަޅު ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ތަަރައްގީ ގެނައުމުގަ އާއި ޑިމޮކްރެސީ ކުރިއެރުވުމުގައި އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މޯދީ އަރިހު ދެންނެވި އެވެ. އަދި އެކަން ގަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ކުރެވެން އޮތްހާ ކަމެއް ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވައި، ބޮޑު ތަފާތަކުން ކޯލިޝަނުން ކުރި ހޯދާފައިވާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް މޯދީ އެދިވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވި އެވެ.
ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަސްރަހުގައި ހިނގި ކަންތައްތަކާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރަން އެ ގައުމުން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. އިންޑިއާއިން އެ ގޮތަށް ގޮވާލުމުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި، ސިޔާސީ ގުޅުމަށް ބުރޫއަރާފައިވެ އެވެ.
މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. އަދި މިއީ މި ސަރަހައްދުން އަދި މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައުމަށް ފަހު، އިންޑިއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
25 September 2018
އަންނިގެ ނުފޮރުއްޕާން ފޯރިޔަ ނުދިނުމަށް މޯޑީ ކުރެން އެދިލައްވާތި. އެކަލޭގެ އުޅޭނީ އިބޫ ކުޑަ ކަކޫމައްޗަށް ތިރި ކުރަން.
އަޙްމަދު
25 September 2018
އިންޑިޔާއަކަށް މިޤައުމަ އަރައި ގަތުމުގެ ކުޑަވެސް ފުރުސަތެއް ނުދެއްވާތި. ކުޑަ ކުޑަ ރޫމަކަށް ވައްދާފައި ސެޓްލައިޓުން މަނިކުފާނުގެ އޮފީސްވެސް ދައްކާނެ. އަޅާލާނެ ކަމެއްނެތް. މިނިވަން ޤައުމެއްގެ ގޮތުގައި މިޤައުމު ބާއްވާދީ.
ކުމާރު0
25 September 2018
މޮޑީ ވެއްޓެންށޭ އެއުޅެނީ! މައިތިރިވެބަަލަ! 2019
ކުރާނެ
25 September 2018
އިންޑިއާއަކީ ވަރަށް ނުފޫޒު ގަދަ ބައެއް. އެމީހުން ބޭނުންވާނީ ރާއްޖޭގެ މިނިވަންކަން ނަގާލާ އެމީހުންގެ ބާރު މި ގައުމުގައި ހިންގަން. އަވައްޓެރި ގައުމަކަސް ވަރަށް ޒާތީ ބައެއް އެއީ.
އަހުމަދުބޭ
25 September 2018
ރައީސް އިބޫ އެވެ، ދައުވަތު ގަބޫލް ކޮށް ޑިޕްލޮމަޓިކް ގުޅުން ބަދަހި ކުރުމުގެ މައްސަލައެއްނެތެވެ، އަޅުގަނޑު ގަބޫލް ކުރާގޮތުގައި މިގައުމަށް މިހާރު ތަރައްގީގެގޮތުން އިންޑިޔާއަށް ކޮއްދެވޭނެ މާގިނަކަންކަމެއްނެތެވެ، އެގޮތުން އިންޑިއާ ގޮވައިގެން މިގައުމުގެ ތަރައްގީއަށް މަސައްކަތް ނުކުރައްޗެވެ، އެހެން ނަމަވެސް ވިސާ، ކިޔަވަންދާން ކޯސް، މެޑިކަލް މިފަދަ ކަންކަމުގައި އެވެރިންނާ އެކީ ކުރިއަށްދެވިދާނެއެވެ.
އައިންތު
25 September 2018
މޯޑީ ދާންވީ ފްރާންސައް. މީޑިޔާ ތަކުން އިންޑިޔާ ސަރުކާރުގެ އަސްލު ރައްޔިތުންނަށް ގެނެސްދީ. ކޮރަޕްޝަންގެ މާހިރުން މީ https://www.france24.com/en/20180922-india-modi-hollande-french-plane
މުޙައްމަދު ހާން
25 September 2018
ނަމަނަމަ އެމީހުންބުނާހައިގޮތަކަށް ނަހދާތީ. ވަރަށް އަވަހަށް އިންޑިއާއިން އުޅޭނެ ރާއްޖެ އަޅުވެތި ކުރުމަށް، އެމީހުންނަކީ ދީނުގެ އެންމެ ނުބައި ފާހިޝް އަމަލު ތަުގެތެރެއިން އެންޖިންސުން ގުޅުން ހިންގުން ބާރުއަޅާބައެއް، އެކަން ކުރަންވެސް ބުނާނެ، މާޒީގައި އެމީހުން ރާއްޖޭގައި ކުރި ބޯރާ ވިޔަފާރީގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ވެރިންހަލާކުވެދިޔައީ، އެމީހުން އުޅޭނީ އެމީހުންގެ މީހުން މިތަނަށް ވެރިކުރުމަށް،
ސިމާދު
25 September 2018
ކޮމަންވެލްތައް ޖޮއިންކުރުން އޯކޭ. ޤަތަރު އަދި އީރާނާ ގުޅުން ބާއްވަންޖެހޭ. އިންޑިއާއާ ގުޅުން ރަގަޅު ކުރަންޖެހޭ. ޢެކަމަކު ޤައުމީ މަސްލަހަތު ހިމާޔައް ކޮށްދެއްވާ! އެއްޖިންސުންގުޅުން ހިންގުން ހުއްދަކުރުން / އެމީހުން ޙިޔާލުފާޅު ކުރުން ހުއްދަކުރުން އޯކޭ އެއްނޫން! އެހެން ދީންތައް އޯކޭއެއްނޫން! ހިގަމުންދާ ޕްރޮޖެކްޓްތައް ނުހުއްޓުވާ. އެއާޕޯޓް “ވިއްކާ” ނުލައްވާ. އިބޫއަށް ހެޔޮ ވިސްނުން ދެއްވާށި. ވަލްހަމްދުލިއްލާހި.
ދިވެހި ދަރި
25 September 2018
އިންޑިޔާގެ ސްޕްރީމް ކޯޓުން އިހަށްދުވަހު ހުއްދަކުރި، އަހަރުމެން ހެއްދެވިފަރާތުން އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ލައްވާފައިވާ ކަންކަން ހުއްދަކުރިކަމަށްޓަކާވެސް އެގައުމާ ކައިރިވެއްޖެނަމަ، ކަލޭމެންގެ ހަލާކު ވަރަށް އަވަސް ވާނެކަން ހަދާންކުރާށެވެ!
ނަސީދު
25 September 2018
މާގިނަ ވާހަކައެއް ދައްކާކަށް ނެތިން. ނާށިގަނޑު ހިފައިގެން އިންޑިއާއަށް ސަލާންޖަހަން ދާންޖެހޭ ދުވަސް ކައިރިވެއްޖެ އަނެއްކާ
މުނާ
25 September 2018
ވަރަށް ރަގަޅު ވާހަކައެއް