ނަޝީދު، އައްޑު އާއި އިންޑިއާ ގުޅުވުމުން ކަންބޮޑުވެއްޖެ

އިންޑިއާގެ މަސްލަހަތާ، އައްޑޫ މާ ބޮޑަށް ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ގައުމީި ސަލާމަތަށް އޮތް ނުރައްކަލުގެ ސިގްނަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


ދިގު މުއްދަތަކަށް ޖަލަށް ލާފައި ހުންނަވަނިކޮށް، ބޭސްފަރުވާ އަށް ލަންޑަނަށް ފޮނުވުމުން، އެނބުރި ރާއްޖެ ވަޑައިނުގެން އަމިއްލަ އަށް އަރުވާލެއްވިގެން ތިން އަހަރު ބޭރުގައި ދިރިއުޅުއްވުމަށް ފަހު، މިދިޔަ ހަފުތާގައި މާލެ ވަޑައިގެންނެވި ނަޝީދު މިހާރު ހުންނެވީ އައްޑޫގަ އެވެ.

އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫގައި އުޅޭ މީހުންނަކީ ރާއްޖޭގެ މަސްލަހަތާ ހަމައެކަނި ގުޅިފައިވާ ބައެއް ނޫން ކަމަށާއި އެއާ އެކު އިންޑިއާގެ މަސްލަހަތާ ވެސް މާ ބޮޑަށް ގުޅިފައިވާ ބައެއް ކަމަށެވެ.

ނަޝީދު މިއަދު އެމަނިކުފާނު އޮފީހެއް ހިތަދޫގައި ހުޅުވަނީ. --- ފޮޓޯ: އެމްޑީޕީ

މި ވާހަކަފުޅަށް ރައްދު ދެއްވައި، ޚަލީލް ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ވާހަކަފުޅެއް ކަމަށެވެ. އެއީ، ކޮން މަގްސަދެއް ހާސިލްކުރަން ދެއްކެވި ވާހަކައެއްތޯ ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޚަލީލް ކުރެއްވި ޓުވީޓް.

އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ އާއި އައްޑޫ ގުޅުވައި ނަޝީދު އެ ވިދާޅުވީ މި މަހު 17ގައި އުފެދޭ، ސަރުކާރުގެ ސިޔާސަތުތޯ ނުވަތަ ނޫންތޯ ވެސް ސާފުކޮށްދޭން ޖެހެ އެވެ.

"އަޅުގަނޑަށް ފެންނަނީ، އިންތިޚާބީ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް]ގެ މައްޗަށް ނަޝީދުގެ ނުފޫޒު އިންތިހާ އަށް ބޮޑު ކަމަށް،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލްގެ އިތުރުން ވެސް ނަޝީދުގެ އެ ވާހަކަފުޅަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެ އެވެ.

ނަޝީދުގެ ވާހަކަފުޅަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޚަލީލް ވިދާޅުވި އިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި، އިދިކޮޅު ޕާޓީތަކާ ގުޅިގެން އިންޑިއާ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ މިންވަރަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރި އެވެ. އަދި އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު އޮޅުވައިލުމުގެ ފަހަތުގައި ވެސް އިންޑިއާ ދައުރެއް ކުޅުނު ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ސައޫދީ އަރަބިއްޔާ އާއި ޗައިނާއާ އެކު ރާއްޖޭން އުފެއްދި ގާތް ގުޅުމާއެކު އިންޑިއާގެ ނުރުހުން އަމާޒުވި އެވެ. ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން އަލުން އިއާދަކުރާނެ ކަމަށް ކޯލިޝަން ސަރުކާރުގެ އިސް ވެރިން ވަނީ ވިދާޅުވެފަ އެވެ.