ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ވަކީލުންގެ ޓީމަށް ވިލިނގިލިން ހޫނު މަރުހަބާއެއް

ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި މާލެއިން ބޮޑު ޓީމެއް ދިއުމުން ގއ. ވިލިނގިލިން އެ ވަކީލުންނަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.


ކޮލަމާފުށީގައި ޕީޕީއެމްގެ ހަރުގެއަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި އެރަށުން ހައްޔަރު ކޮށްފައިވާ 18 މީހުން ހައްޔަރު ކޮށްފައިވާއިރު، އެ މީހުންގެ ބަންދުގެ މުއްދަތު ވިލިނގިލީ ކޯޓުން ކުރިން އޮތީ އިތުރުކޮށްފަ އެވެ. އެ މީހުންގެ ވަކީލުންގެ ޓީމު ވިލިގިއްޔަށް މިއަދު ދިޔައީ އެ މީހުންގެ ބަންދަށް ކުރިން ދިން މުއްދަތު ހަމަވާތީ މާދަމާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާތީ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން އެއް މައްސަލައެއްގައި ހައްޔަރުކުރާ ކޮންމެ މީހަކަށް ވަކި ވަކީލަކު އައްޔަން ކުރަން ޖެހޭތީ، 18 މީހުންގެ ދިފާއީ ވަކީލުންގެ ޓީމުގައި 18 ވަކީލަކު ހަރަކާތްތެރިވެ އެވެ. އެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އެވެ.

ވަކީލުންގެ ޓީމު ވިލިގިއްޔަށް ފޭބުމުން މަރުހަބާ ކިޔަނީ

ސުއޫދާއި އެ ވަކީލުންގެ ޓީމު މިއަދު ވިލިގިއްޔަށް ވަޑައިގަތްއިރު އެ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް މާފަތި ހިފައިގެން މީހުން ބަނދަރު މައްޗަށް ނިކުމެ ތިއްބެވެ.

ސުއޫދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މުހައްމަދު ފައިސަލާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރާ ބޭފުޅުން ކަމަށްވާ ވަކީލް އަހުމަދު ނާޒިމް ސައްތާރާއި ވަކީލާ ސަފާ ޝަރީފް ވެސް އެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި 18 މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ