ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުންދީގެން ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީގެ 18 ސަޕޯޓަރުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިއްޔެ އިތުރުކޮށްފި އެވެ.
އޭގެ ތެރެއިން 17 މީހަކު 15 ދުވަހު ބަންދުގައި ބައިތިއްބަން، ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް ނިންމެވި އިރު އަނެއް މީހާގެ ބަންދަށް ދެއްވީ 12 ދުވަހެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ޖެހުނު މައްސަލައިގެ ތެރޭގައި ޕީޕީއެމްގެ ބައެއް ދިދަތައް ވައްޓާލައި، ޖަގަހަޔަށް ގެއްލުން ދިން ކަމަށް ބަލައި، 18 މީހުންގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ޓެރަރިޒަމްގެ ތުހުމަތުގަ އެވެ.
މި މީހުންގެ ބަންދަށް ކުރިން ދިން 15 ދުވަހުގެ މުއްދަތު އިއްޔެ ހަމަވާތީ މާލެ އިން 18 ވަކީލަކު ބުރާސްފަތިދުވަހު ކޮލަމާފުއްޓަށް ދިޔަ އެވެ. އެ ވަކީލުންނަށް އެ ރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
މިދިއަ މަހު 30 ގައި ހިނގި ހާދިސާގައި ޕީޕީއެމްގެ ބައެއް މީހުން ވެސް ބައިވެރިވި ކަމަށް ބެލެވުނަސް، ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހައްޔަރުކުރުމުން، އެ ޕާޓީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެވަރުގެ ކަމެއްގައި ޓެރަރިޒަމްގެ ތަހުގީގު ފެށުމުން އާންމުން ތިބީ ހައިރާންވެފަ އެވެ.