ހުއްޓުވާފައި ވަނިކޮށް ފޯމުލުމަކީ ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވުން: އަލީ ހުސެއިން

ހުޅުމާލެ އިން ގޯތި ވިއްކުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީ އަށް ފޯމު ހުށަހަޅައިގެން އެ ގޯތި ހޯދަން އުޅުމަކީ ވެސް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި އެނގިހުރެ ބައިވެރިވުން ކަމަށް ބެލެވޭނެ ޖާގަ އޮންނާނެ ކަމަށް ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.


ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު މެންދުރު ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އިއުލާންކުރި އެވެ. ހަވީރު 4:00 ގައި ފޯމު ދޫކުރަން ހަމަޖައްސާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، އޭގެ ކުރިން އެކަން ހުއްޓާލަން އަންގައިފަ އެވެ.

އެކަމަކު ފޯމު ނަގަން ހެދި ބޮޑު ކިޔޫގައި ތިބި މީހުންނަށް، އޭސީސީގެ އެންގުމާ ޚިލާފަށް ހައުސިން މިނިސްޓްރީން ވަނީ ފޯމު ދޫކޮށްފަ އެވެ. އޭސީސީގެ އެންގުމަށް ހައުސިން މިނިސްޓްރީން އަމަލުނުކޮށް، މިއަދުން ފެށިގެން ފޯމުތައް ބަލައިގަތުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މި މައްސަލައާ ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އަމަލެއް ބަލަމުންދާތީ، ހުއްޓާލަން އަންގާފައި ވަނިކޮށް، އެނގިހުރެ ބައިވެރިވުމަކީ ކުށުގެ ބައިވެރީން ކަމުގައި ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ގޯތި ގަތުމުގައި ބައިވެރިވުމާ ގުޅޭ ގޮތުން އަލީ ހުސެއިންގެ ޓުވީޓް.
ގޯތި ގަންނަން އެދި ފޯމު ނަގަން ހައުސިން މިނިސްޓްރީގައި މިއަދު ބަޔަކު ކިޔޫގައި. --ފޮޓޯ/ސޯޝަލްމީޑިއާ

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި، ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ކުށެއްް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ސަރުކާރުން ކުރާ ކަމެއްގައި ނުވަތަ މުއާމަލާތަކާ ގުޅޭ ގޮތުން ވަކި ފަރާތަކަށް ލުޔެއް، ފަސޭހައެއް، ހެވެއް ނުވަތަ ވަކި ފަރާތަކަށް ބުރަ ޖެއްސުމަށް، ގެއްލުން ދިނުމަށް ވެސް ރިޝްވަތު ދިނުން އޮތީ މަނާކޮށްފަ އެވެ.

އެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނުގެ 27 ވަނަ މާއްދާގައި ވަނީ، އެ ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ ދިވެހި ރައްޔިތުންނާއި ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުތަކުގައިވާ މީހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެފަދަ އެންގުމަކަށް ތަބާނުވެއްޖެ ނަމަ، ނުވަތަ ކޮމިޝަނުގެ ގަދަރަށް އުނިކަމެއް ލިބޭ ގޮތަކަށް އަމަލުނުކޮށްފި ނަމަ އެފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ އެއް މަސް ދުވަހަށް ޖަލަށް ލުމެވެ. ނުވަތަ ތިން މަސް ދުވަހަށް ގޭގައި ބަންދުކުރުން ނުވަތަ 3،000ރ. އިން ޖޫރިމަނާ ކުރުމެވެ.

މި މަޝްރޫއު އިއުލާންކުރައްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ހުޅުމާލެ އިން ވިއްކާ 400 ގޯއްޗަށް ފައިސާ ދެއްކުމަށް ވެސް ސަރުކާރުން ނިންމާފައި ވަނީ ވަރަށް ލުއި ގޮތަކަށް ކަމަށެވެ. އެއީ އެއްފަހަރާ ފައިސާ ނުދެއްކޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކައި 10 އަހަރަށް ބަހާލައިގެން ބާކީ ބައި ދެއްކުން ކަމަށް ވެސް ވިދާޅުވި އެވެ.

ބޭނުމަކީ، ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ހޯދައިދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވެސް ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު 3 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑުކޮށެވެ.

މިފަހަރު ގޯތި ވިއްކަން މި ހުޅުވާލީ ނުއަގުގައި ކަމަށް ބުނެ އެއް ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

މި މަޝްރޫއު ހުއްޓާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހުޅުމާލޭން 400 ގޯތި ދޫކުރަން ހުޅުވައިލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލި އިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މި މަޝްރޫއު ސަރުކާރުން މި އިއުލާން ކުރީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަައިވާތީ އެއްވެސް އައު މަޝްރޫއެއް ނުފަށަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ.