ލާއިންސާނީ އަނިޔާ ލިބޭގޮތަށް ގޯތި ވިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ ޝަރީއަތަށް

ރައްޔިތުން ދިގު ކިޔޫތަކެއްގައި ރެ އާއި ދުވާލު ތިބެން މަޖުބޫރުވެ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް، ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަންގައި މިއަދު ކުރިއަށް ގެންދިއުމަށް ފަހު އެ މައްސަލަ ޝަރީއަތަށް ފޮނުއްވަން ގާޒީ ނިންމަވާފައިވާ ކަމަށް އެ މައްސަލަ ހުށަހެޅުއްވި ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވެއްޖެ އެވެ.


މިއީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހުޅުވާލައި، ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކަންތައްތަކެއް ހިންގާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެވެ.

ގޯތި ވިއްކުމުގެ މައްސަލަ ހޫނުވެ، އާ އުސޫލެއް އެކުލަވާލައިގެން، ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

މިކަން، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުގައި ބޭއްވިި މައްސަލައިގައި ދައުލަތުގެ ވަކީލް ފާހަގަކުރެއްވި ކަމަށް ޝުނާނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ، މި މައްސަލައިގައި އާއްމު މަސްލަހަތު އެބަ އޮތް ކަމަށް. އާއްމުންނަށް ނުހައްގުން އަނިޔާ ދެވިފައި ވާތީ ޝަރީއަތުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައި ދެއްވަން. ގާޒީ ވިދާޅުވީ، ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް މައްސަލައިގެ ޝަރީއަތް ތާވަލް ކުރައްވާނެ ކަމަށް،" ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ހުޅުމާލެ އިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ބަލައިގަތުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ އުސޫލަކީ ގާނޫނުއަސާސީ އާއި ގާނޫނީ އުސޫލްތަކާ ޚިލާފު އުސޫލެއް ކަމަށެވެ. އެ އުސޫލު އޮތީ ބޯހިޔާވަހިކަމުގެ ފުރުސަތަށް އެދެން ބޭނުންވާ ގިނަ ރައްޔިތުންތަކެއް އެ ފުރުސަތުން މަހްރޫމްވާ ގޮތަށް ކަމަށް، މައްސަލާގައިވެ އެވެ. އަދި އެ އުސޫލަކީ، ރެ އާއި ދުވާލު ނިދުމާއި ކެއުމާއި ޒަރޫރީ އެހެން ބޭނުންތައް ކުރުން މަހްރޫމްވާނެ ފަދަ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ސުނާނާ އެދިވަޑައިގެންފައި ވަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަށް ވަކި ގޮތެއް ކަނޑައެޅެންދެން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗަށް ފޯމު ބަލައިގަތުމާއި އިވެލުއޭޓް ކުރުމާއި ގުރުއަތުލުން ވަގުތީ ގޮތުން ހުއްޓުވަން އަމުރުކޮށްދިނުމަށެވެ.

ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނުރައްކަލާއިި ގެއްލުން ކުރިމަތިވެދާނެ ކަމަށް ވެސް މައްސަލައިގައިވެ އެވެ.

ގޯތި ވިއްކުން އެޗްޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް ފޯމު ބަލައިގަންނަން ފަށާނެ ވަކި ދުވަހެއް އެޗްޑީސީއަކުން އަދި ނުބުނެ އެވެ.