އޮޕަރޭޝަނަށް ފަހު އަދީބު ގެއަށް ބަދަލުކުރަން ވަނީ ލަފާދީފައި: އާއިލާ

މީގެ ދެ ހަފުތާ ކުރިން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ކުރި އޮޕަރޭޝަނަށް ފަހު، ގެއަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި އެޗްއާރުސީއެމުން ލަފާ ދީފައިވާ ކަމަށް އަދީބުގެ އާއިލާ އިން މިއަދު ބުނެފި އެވެ.


އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބުގެ އޮޕަރޭޝަނަށް ފަހު އެތެރެހަށީގެ ޔޫރެޓްރާއަށް ސްޓެންޓެއް ލައްވާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު، އިންފެކްޓުވެ ހުން އައުމާ ގުޅިގެން އެންޓިބަޔޮޓިކްސް ދެމުން އަންނަ ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޮޕަރޭޝަނަށް ފަހު އައިޖީއެމްއެޗްގައި.

"މިހާރު ހުން ތިރިވި ނަމަވެސް، ސްޓެންޓް ލެއްވިފައިވުމުން 24 ގަޑިއިރު އާއިލާގެ އެހީތެރިކަމަށް އަދީބު ބޭނުންވޭ. ޑޮކްޓަރު ވަނީ އޮޕަރޭޝަނަށް ފަހު ތިން ހަފުތާއަށް ރިކަވަރީ އަދި އަޅާލުން ބޭނުންވާ ކަމަށް ބުނެ، އަދީބު ގެއަށް ބަދަލު ކުރުމަށް ލަފާ ދީފައި،" ނަޝްވާ ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ނުލިބުނެވެ.

ނަޝްވާ ވިދާޅުވި ގޮތުގައި، ޑޮކްޓަރު ދެއްވި ސިޓީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާ ކަމަށެވެ. ލިޔުމަށް ބިނާކޮށް، އަދީބު ގެއަށް ބަދަލުކުރަން އެޗްއާރުސީއެމުން ކަރެކްޝަނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތާ ހަމައަށް ވެސް ކަރެކްޝަންސް އިން މިކަމުގައި އަމަލުކުރާނެ އެއްވެސް ގޮތެއް އަދީބަށް އަދި އާއިލާއަށް ވެސް އަންގާފައެއް ނުވޭ. އެކަމަކު އެޗްއާރުސީއެމުން ވެސް ތިން ފަހަރެއްގެ މަތިން އަދީބުގެ ހާލު ބެލުމަށް ހޮސްޕިޓަލަށް އައި. އެޗްއާރުސީއެމުން ވަނީ އަންގާފައި އަދީބު ގެއަށް ބަދަލުކޮށް ދިނުމަށް އެދި ކަރެކްޝަންސަށް ސިޓީ ފޮނުވި ކަން. އެކަމަކު އެކަމަށް ވެސް އަމަލެއް ނުކުރޭ،" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވި ގޮތުގައި، އަދީބުގެ ހަށިގަނޑުގައި އުފެދުނު ހިލަ ނެގުމަށް ކުރި އޮޕަރޭޝަންގެ ސަބަބުން ހިލައިގެ އެއްބައި ހަށިގަނޑުން ބޭރުވިޔަސް، އަދިވެސް އެއް ބައި ހަށިގަނޑު ތެރެއިން ފެނެެެއެވެ.

"ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ އެ ބައި ވެސް އަމިއްލައަށް ފްލަޝްވާނެ ކަމަށް. އެކަމަކު އެއީ ސްޓްރެސް ފްރީ ފެމިލީ ކެއާ ލިބޭ ގޮތަށް ގޭބަންދުގައި ބެހެއްޓީމައޭ ޑޮކްޓަރު އެންގެވީ،" ނަޝްވާ ވިދާޅުވި އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސީސްޓުތަކެއް ވަނީ އުފެދިފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށް ވެސް އަދީބަށް ފަރުވާދެ އެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބު މިހާތަނަށް ޖަލުގައި ތިން އަހަރަށްވުރެ ގިނަ ދުވަސް ވަނީ ހޭދަ ކުރައްވައިފަ އެވެ. ޖަލުގައި ހުންނެވި ދުވަސްވަރު އޭނާ އަށް ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެން ރާއްޖޭން ބޭރަށް ފޮނުވުމަށް އާއިލާ އިން ތަކުރާރުކޮށް އެދުނެވެ.

ނަމަވެސް ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖޭން ބޭރަށް ފޮނުވުމަށް ދެކޮޅު ހަދައިފަ އެވެ.

ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މާދަމާ ހައި ކޯޓުގައި ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ. އެކަމަކު، ނަޝްވާ ވިދާޅުވީ އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން މާދަމާ އޭނާ އަށް ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.