އިންޑިއާގެ ދައުރު ޗައިނާއަށް އަދައެއް ނުކުރެވޭނެ: ޝާހިދު

ރާއްޖޭގައި އިންޑިއާއިން އަދާކުރާ ދައުރު ޗައިނާއަށް އަދާނުކުރެވޭނެ ކަމަށާއި ހަމަ އެ ގޮތަށް ޗައިނާ އަދާކުރާ ދައުރު އިންޑިއާއަށް ވެސް އަދާނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ އަވަށްޓެރިންނަށް އިސްކަންދޭނެ ކަމަށެވެ.

"ޔާމީނު ގެންގުޅުއްވީ އެއްގައުމާ ދެކޮޅަށް އަނެއް ގައުމާ ގުޅުން ބަދަހިކުރާ އުސޫލު. އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިންޑިއާގެ ދައުރު ޗައިނާއަށް އަދާކުރެވޭނެ ކަމަކަށް ނުވަތަ ޗައިނާގެ ދައުރު އިންޑިއާއަށް އަދާކުރެވޭނެ ކަމަކަށް،" ޝާހިދު ވިދާޅުވި އެވެ.

އެ ނޫހުން ބުނީ ރާއްޖޭގެ އިގުތިސާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮތް އޮތުން އެގޮތުގައި ކުރިއަށް ދާނެ ކަމުގެ އިޝާރާތެއް ޝާހިދު ދެއްވި ކަމަށެވެ.

ޝާހިދު ވަނީ އަންނަ މަހު ޗައިނާއަށް ވަޑައިގަންނަވަން ހަމަޖައްސަވައިފަ އެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަަހައްދެއް ބޭރު ގައުމަކުން އަސްކަރީ ކަމަކަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އެފަދަ އެއްބަސްވުމެއް ވެފައި ވާ ނަމަ އެ އެއްބަސްވުމެއް މުރާޖައާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އަސްކަރީ އެއްވެސް ކަމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދަ ޔާމީން ސަރުކާރުން ދިން ކަމަކަށް މިހާތަނަށް ހާމަވެފައެއް ނުވެ އެވެ. އިންޑިއާގެ މީޑިއާ އިން އެގޮތަށް ކުރިން ހަބަރު ފަތުރާފައި ވަނީ ޗައިނާގެ ބައެއް ވިޔަފާރިވެރިން ރާއްޖޭގައި ރިސޯޓްތައް ހަދަން ހިންގަމުން އަންނަ މަޝްރޫއުތަކަށް ބިނާކޮށެވެ.

ޝާހިދުގެ މި ދަތުރުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ މިއަދު ބައްދަލުކުރައްވާނެ އެވެ. ރާއްޖެއަށް އިންޑިއާއިން އެހީތެރިވެދެވެން އޮތް ދާއިރާތަކާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ އެވެ.

ޝާހިދު ވިދާޅުވީ އާ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން އިންޑިއާއަށް އެހީތެރިވެވިދާނެ ކަމަށެވެ.

"މި ކަންތައްތަކުގެ ސަބަބުން ދިވެހި ރާއްޖެއަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ވެގެންދާނެ. [އެކަން އޮންނަން ޖެހޭނީ] ހަގީގަތުގައި ވެސް، ހަމައެކަނި ކަރުދާހުގައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އިންޑިއާއާ ގުޅުން ބަދަހިކުރުމަކީ ޗައިނާއާ ދެކޮޅުވެރިވުން ނޫން ކަމަށާއި އެ ގުޅުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ޗައިނާ އިން ބުނެފައިވެ އެވެ. ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކާއި ޝުއޫރުތައް ފާޅުކުރާ "ދަ ގްލޯބަލް ޓައިމްސް" ނޫހުގައި މިދިޔަ ހަފުތާގައި ޝާއިއުކުރި އެޑިޓޯރިއަލެއްގައި ބުނީ އިންޑިއާ އަށް އިސްކަންދޭ ސިޔާސަތެއް ރާއްޖޭން ގެންގުޅުމަކީ ޗައިނާއާ ދެކޮޅުވެރިވުން ނޫން ކަމަށެވެ.

"...ސޯލިހު [ރައީސް އިބުރާހިމް މުހައްމަދު ސޯލިހު] އެއީ އިންޑިއާއާ އެއްކޮޅު ބޭފުޅެއް ކަމަށް އިންޑިއާގެ މީޑިއާ އާއި ހުޅަނގުގެ މީޑިއާއިން ދެކެ އެވެ. ނަމަވެސް އިންޑިއާއާ އެއްކޮޅަށް ހުންނެވުމުގެ މާނައަކީ ކޮންމެހެން ޗައިނާއާ ދެކޮޅުވެރިވުމެއް ނޫނެވެ،" އެ ނޫހުގައި ލިޔެފައިވެ އެވެ.