ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މި ހުށަހެޅީ ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށް ފަހު އެވެ. އެ މައްސަލަ މި ފަހަރު ވެސް ހުށަހެޅުއްވީ ކުރިން އެ މައްސަލަ ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.
އަބުޅޯ ކުރެއްވި ޓްވީޓެއްގައި ވަނީ މި ފަހަރު މައްސަލަ ހުށަހެޅުއްވީ އިތުރު ނުކުތާތަކެއް ހިމެނުމަށް ފަހު ކަމަށެވެ. ކުރިން ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި އޮތީ މެމްބަރުން ހައްޔަރު ކުރުމާއި ބަންދު ކުރުމާއި ޝަރީއަތް ހިންގުމުގައި އަމަލުކުރި އިޖްރާއާތުތަކުގެ މައްސަލަ އެވެ.
އެކަންކަމުގެ އިތުރަށް، މި ފަހަރު ހުށަހެޅި މައްސަލައިގައި ހިމަނާފައި ވަނީ ހުކުމް ކުރުމުގެ ކުރިން އެތައް ބަޔަކު ބަންދުގައި ތިބިއިރު، އެކަމުގައި ޕީޖީ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނެތުމާއި ސިޔާސީ އެކި މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނަށް ދޭންޖެހޭ އިނާޔަތްތައް ނުދިނުމާއި އެ މީހުން ބަންދުކުރި ތަންތަނުގެ ހާލަތާ މެދު ކުރި ޝަކުވާތައް ބައްލަވާފައި ނެތުމެވެ.
މީގެ އިތުރުން މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުވުން ޝަރުތުކޮށް، އޭނާގެ އަނބިމީހާގެ ފުލުސް އޮފީހުގައި ރަހީނު ކުރިއިރު އެކަމުގައި ޕީޖީ އެއްވެސް ބަހެއް ވިދާޅުވެފައި ނެތް ކަމަށާއި އެކަމާ މެދު ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިދިޔަ ފެބްރުއަރީ މަހު ފުލުހަށް ހާޒިރުނުވުމުން އޭނާގެ އަނބިކަނބަލުން ފުލުސް އޮފީހުގައި ބެއިންދި ކަމަށް ބުނާ މައްސަލަ އެވެ.
ޕީޖީގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރިޔަސް، ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގެ ދަށުން އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.