29 މިލިއަން ރުފިޔާ ދަައްކަވަން މައުމޫނަށް ހަތް ދުވަސް!

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭނާގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކެވުމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު އަންގަވައިފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބަކަށް ހުންނެވި ޖާބިރު "މިހާރު" އަށް ވިދާޅުވީ އެ ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް 29 މިލިއަން ރުފިޔާގެ އެ ވާހަކަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފަ އެވެ. އެމްއާރުއެމުން ބުނި ގޮތުގައި، ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.

"އަޅުގަނޑާއި ދިޔާނާ އާއި ފާރިސް ޑަބަލް ޓްރީ ހިލްޓަންގައި މަޝްވަރާ ކުރީ. އަޅުގަނޑު ހުރިހާ ފައިސާއެއް ދެއްވީ މައުމޫނަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖްކުރައްވާފައި ކަމަށެވެ. އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކަވައިފި ނަމަ ފުލުހަށް މައްސަލަ ހުށައަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މައުމޫން ފުލުހުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއާ ހަވާލުވާން ވަޑައިގަންނަވާނެ އެވެ.

ޖާބިރު ވިދާޅުވީ މައުމޫނާ ދެކޮޅަށް މައްސަލަ ހުށަހަޅުއްވާނީ ހެއްކާއި ގަރީނާއާ އެކު، މަކަރާއި ހީލަތް ހެއްދެވުމުގެ ކުށުގައި ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ އިސް އެއް ލީޑަރު ކަމަށް ވާ މައުމޫންގެ އިސްތަށިފުޅުގައި ކުއްލިއަކަށް 29 މިލިއަން ރުފިޔާއެއްގެ ވާހަކަ ޖާބިރު މި އެޅުއްވީ، ގއ. ވިލިނގިލީ ދާއިރާއަށް އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވާދަކުރައްވާކަމުގެ ޓްވީޓަކާ އެކުގަ އެވެ.

ރޭ ކުރެއްވި ޓުވީޓްގައި އޭނާ ލިއުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރަކަށް ދިޔާނާ ސައީދު ވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި އެކަމަށް ހުރަސް އަޅުއްވާ ބޭފުޅަކަށް މައުމޫން ވެވަޑައިނުގަންނަވާނެ ކަމަށެވެ.

ވިލިނގިއްޔަކީ މައުމޫންގެ އާއިލާ ނިސްބަތްވާ އަދި އެމަނިކުފާނުގެ ސަޕޯޓް ބޮޑު ރަށެކެވެ. އަދި ވިލިނގިލީ ދާއިރާގެ މިހާރުގެ މެމްބަރު ސައުދު ހުސެން ހުންނެވީ މައުމޫންގެ އަރިހުގަ އެވެ. އެހެންކަމުން އެމްޑީޕީ ޓިކެޓްގައި ދިޔާނާ އެ ދާއިރާއަށް ވާދަކުރެއްވުމުން، ކޯލިޝަންގެ ތެރޭގައި ވެސް މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކޯލިޝަން ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމުގެ މަޝްވަރާ މިހާރު ވަނީ ފަށައިފަ އެވެ.