ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ތައްޔާރުކުރި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ބިލް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހީ، އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ބިލާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުން ގެންދަވަނިކޮށެވެ. މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުން އިއްޔެ ވެސް މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރި އެވެ.
ބިލް މަޖިލިހަށް ބަލައިގަތުމަށް ފާސްކުރުމަށް ފަހު، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ބިލާ މެދު މެމްބަރުންގެ ކަންބޮޑުވުން ހުރި ނަމަ، ކޮމިޓީ މަރުހަލާގައި އެ ބިލަށް ބަދަލު ގެނައުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ.
"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ބަލައިގަންނަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ފަސް މެމްބަރުން ވޯޓު ދެއްވި އެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ބިލް ހުށަހެޅުއްވި އިރު، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވަކި ކޮމިޝަނަކާއި މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޓީއެއް އުފައްދަވައި، މެމްބަރުން ވެސް އައްޔަން ކުރައްވައިފަ އެވެ.
ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ތަހުގީގު ނުކޮށް، ދޫކޮށްލާފައި ހުރި އަދި އެކަށީގެންވާ މިންވަރަށް ތަހުގީގުނުކޮށް ދޫކޮށްލާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަލުން ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތް ހޯދައި، ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވުމެވެ.
މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރި ވެފައިވާ މައްސަލަތައް ފާހަގަކޮށް، އެކި ފަރާތްތަކުގެ އިހުމާލާއި ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ހަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ބިލްގައިވާ ގޮތުން، އިޖުރާއާތުތައް ހިނގާނީ ޖެނުއަރީ 1، 2012 އިން ނޮވެމްބަރު 17، 2018ގެ ނިޔަލަށެވެ.
އަލަށް އެކުލަވައިލި ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ތަހުގީގީ އިދާރާއެއް ކަމަށް ބިލްގައިވެ އެވެ.