ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާނާތްތެރިވި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނެފައި އޮއްވައި އެކަން ގަބޫލު ނުކޮށް، ގައުމު ހަލަބޮލި ކުރަން މަސައްކަތް ނުކުރުމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން، އިދިކޮޅު ފަރާތްތަކަށް މިއަދު ގޮވާލައްވައިފި އެވެ.
އިލްޔާސް މިގޮތަށް ގޮވާލެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން މަދު ބަޔަކާ އެކު ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނިކޮށެވެ. މުޒާހަރާގައި ބައިވެރިވާ ބައެއް މީހުން ދަނީ ސަރުކާރު ވައްޓާލުމަށް މަގުމައްޗަށް ނުކުންނާނެ ކަމުގެ އިންޒާރު ވެސް ދެމުންނެވެ.
އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ ހަޒާނާ އަށް ހިޔާނާތްތެރިވި ބަޔަކަށް ބޮޑު ތަނުން ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އިލްޔާސް އެ އިޝާރާތް ކުރެއްވީ، ރިޔާސީ އިންތިހާބުގައި ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށެވެ.
"ރައްޔިތުން ނޫނެކޭ ބުނީމަ ވެސް އެކަން ގަބޫލުނުކޮށް، ގައުމު ހަލަބޮލި ކުރަން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް، ﷲ އަށް ބިރުވެތިވެ ތައުބާވުން މާ ރަނގަޅު،" އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެއް މަސް ނުވަނީސް، ޕީޕީއެމުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހަދަން ފަށައިފަ އެވެ. ހާއްސަކޮށް، އިންޑިއާ އިން ރާއްޖެ އަށް ދިން 1.4 ބިލިއަން ޑޮލަރުގެ އެހީ އަކީ ދިވެހިން ދަރަނިވެރި ކުރުވައި، ރާއްޖެ އަޅުވެތި ކުރުމުގެ ނުބައި ރޭވުމެއްގެ ދަށުން ދިން ފައިސާއެއް ކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތު ކުރެ އެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިންޑިއާ އިން ދިން އެހީން ރާއްޖެ ދަރަނިވެރި ނުވާނެ ކަމަށެވެ.