އަލިފާނުގެ ހާދިސާއާ ގުޅިގެން ގިލި ލަންކަންފުށިި ވަގުތީ ގޮތުން ބަންދުކޮށްފި

ކ. ގިލި ލަންކަންފުށި ރިސޯޓްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.


މިދިޔަ ބުދަ ދުވަހުގެ ރޭ ގިލި ލަންކަންފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓްގެ ހަތް ކޮޓަރި އާއި މައި ރެސްޓޯރެންޓާއި ބަދިގެ ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ. އެކަމަކު އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ގިލި ލަންކަން ފުށިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާގައި ރިސޯޓަށް ލިބުނު ގެއްލުންތައް ފުރިހަމައަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރިސޯޓް މި ވަގުތު ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ރިސޯޓަށް ކުރިން ބުކިން ހަދާފައި ތިބި ޓޫރިސްޓުންނާއި ޓްރެވަލް ޕާޓްނަރުންނަށް ރިފަންޑް ދިނުމާއި އިތުރު ގޮތްތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް އެ ރިސޯޓުން މިހާރު ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގުމާ އެކު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ރިސޯޓަށް ވަޑައިގެން، އެތަނުގައި ތިބި ޓޫރިސްޓުން ބަދަލު ކުރާނެ ތަންތަން ހަމަޖައްސައި ދެއްވުމަށާއި ދަތުރުފަތުރާއި ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަޖައްސައި ދެއްވުމުގައި ވެސް އެހީތެރިވެ ވަޑައިގަތް ކަމަށް އެ ބަޔާނުގައިވެ އެވެ.

ގިލި ލަންކަންފުށިން ބުނި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަކަށް ހޯދިފައެއް ނެތެވެ. އެކަމަކު އެމްއެންޑީއެފްއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކުރިން ސޮނެވާ ގިލީގެ ނަމުން މަޝްހޫރުވި ގިލި ލަންކަންފުށްޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ އެއް ރިސޯޓެވެ. ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާ ވެސް ހުންނަނީ އެ ރިސޯޓްގަ އެވެ.