ނަވާޒް، ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަ ކުރައްވަން ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް މިއަދު ނިންމަވައިފި އެވެ.


ފުލުހުންގެ ޚިދުމަތުގައި 28 އަހަރު ހޭދަކުރެއްވި ނަވާޒް ރޭ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. ސިޔާސީ ދާއިރާ އަށް ނުކުންނެވީ، އޭނާ ވިދާޅުވި ގޮތުގައި، ގޭގައި މަޑުން ހުންނެވުމުގެ ބަދަލުގައި ގައުމަށް ޚިދުމަތް ކުރެއްވުމަށެވެ.

ނަވާޒް ދެކެވަޑައިގަންނަވާ ގޮތުގައި އެ ޚިދުމަތަށް މިހާރު އޮތް އެންމެ ރަނގަޅު ތަނަކީ ރައްޔިތުންގެ މަޖިލީހެވެ.

"ޖުމްހޫރީ ޕާޓީގެ ޓިކެޓް ލިބިއްޖިއްޔާ އަޅުގަނޑުގެ ވިސްނުން ހުރީ ގަލޮޅު ދެކުނު ދާއިރާ އަށް ނުކުންނަން،" ނަވާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ކުޅަދާނަ، ގާބިލް މީހުން ތިބެން ޖެހޭ ތަނެއް ކަން ނަވާޒް ފާހަގަކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޚިދުމަތް ކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނަވާޒް ވިދާޅުވި ގޮތުގައި އޭޕްރީލް ހަތް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެކި ގޮތްގޮތަށް ފުރޮޅިދާނެ ކަން ދައްކައި ދޭނެ އިންތިޚާބެކެވެ. އެހެންވެ، ގައުމަށް ރަނގަޅު ބަޔަކު ގެނައުމަށްޓަކައި އެ އިންތިޚާބަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވާޒް ޕޮލިސް އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރާނެ ކަމަށް އޭރު ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް ވިދާޅުވުމާ އެކު އޭނާ އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ.

ނަވާޒް ހުންނަވައިގެން ފުލުހުންގެ މުއައްސަސާ އިން ގާނޫނާ ޚިލާފު އެތައް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެ އެވެ. އެ ތުހުމަތު ކުރަމުން ދަނިކޮށް، ރިޔާސީ އިންތިޚާބު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު ނަވާޒް މަގާމުން ވަކިކުރެއްވީ އެވެ. އޭގެ ފަހުން އޭނާ ހަމަޖެއްސެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވުމުންނެވެ.