ހާޝިމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން އިސްތިއުފާ ދެއްވައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް މަގާމުން ވަކިކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަމުން ދަނިކޮށް، އޭނާ އިސްތިއުފާ ދެއްވައިފި އެވެ.


އެ ޕެޓިޝަންގައި ތުހުމަތު ކޮށްފައިވާ ގޮތުގައި، އިސްލާމް ދީނާއި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދައްކަމުންދާ ވާހަކަތަކަށް ފާޅުގައި ހާޝިމް ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ. އެފަދަ މީހުންގެ ދިފާއުގައި ހާޝިމް ވާހަކަ ދައްކައި އެއީ މޮޅު ބައެއް ކަމަށް ސިފަކުރާ ކަމަށް ވެސް ޕެޓިޝަންގައި ވެ އެވެ.

އިސްތިއުފާ ދެއްވި ކަން ހާމަކުރައްވަން ހާޝިމް ކުރެއްވި ޓުވީޓް.

ހާޝިމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ޕެޓިޝަނެއްގައި ސޮއިކޮށް، އިސްތިއުފާދޭން ރައްޔިތުން އެދެމުން އަންނާތީ ކަމަށެވެ. ކައުންސިލްގެ ޖަލްސާއެއް ބާއްވައި އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރާ ހިސާބަށް ގެންދަން ބޭނުން ނުވީ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެހާ ބުރަ ޖައްސާކަށް އަޅުގަނޑު ބޭނުމެއް ނުވޭ. ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަނީ އަޅުގަނޑު މަގާމުން ދުރުވާން. ރައްޔިތުންގެ އެދުމާ އެއްގޮތަށް، އަޅުގަނޑު އިސްތިއުފާ ދިނީ. ޑިމޮކްރަސީގައި އޮންނަނީ ވެސް އެ އުސޫލު،" ހާޝިމް ވިދާޅުވި އެވެ.

އޭނާ ވަކިކުރަން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ދިފާއުކުރައްވައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އިބްރާ ވާހަކަ ދެއްކެވީ ރަސޫލާ އާއި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ. އެ މައްސަލައިގައި އިބްރާ ފުލުހަށް ވެސް ގެންދިޔަ އެވެ.