ދިއްދޫ ކައުންސިލްގެ ރައީސް ވަކިކުރަން ޕެޓިޝަނެއް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.


އެ ޕެޓިޝަންގައި ތުހުމަތު ކޮށްފައިވާ ގޮތުގައި، އިސްލާމް ދީނާއި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދައްކަމުންދާ ވާހަކަތަކަށް ފާޅުގައި ހާޝިމް ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ. އެފަދަ މީހުންގެ ދިފާއުގައި ހާޝިމް ވާހަކަ ދައްކައި އެއީ މޮޅު ބައެއް ކަމަށް ސިފަކުރާ ކަމަށް ވެސް ޕެޓިޝަންގައި ވެ އެވެ.

ހާޝިމްގެ އެ އަމަލަކީ ދިއްދޫ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯތްބާއި އިހްތިރާމަށް ނުބަލައި ރައްޔިތުން ބަދުނާމު ކުރުމުގެ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ދިއްދޫ ކައުންސިލްގެ ރައީސްކަން ކުރައްވާ ބޭފުޅަކު މިފަދަ ގޮތަކަށް އާއްމުންގެ ތެރޭގައި ފިތުނަވެރިކަން އުފެދޭނެ ވާހަކަތަކެއް ދައްކާފައިވާ ކަމީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ރާއްޖޭގެ ބައެއް ނޫސްތަކުގައި 'ދިއްދޫ ކައުންސިލްގެ ރައީސް' މި އިބާރާތް ބޭނުންކޮށް ޚަބަރު ޝާއިއު ކޮށްފައިވާ ކަމީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލަދުވެތި ކަމެކެވެ،" ޕެޓިޝަންގައި ވެ އެވެ.

ޕެޓިޝަންގައިވާ ގޮތުން ހާޝިމް މަގާމުން ވަކިކުރުމަކީ ކައުންސިލްގައި ދެން ތިއްބެވި ހަތަރު މެމްބަރުންގެ ޒިންމާ އެކެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހަކު މަގާމުގައި ދެމިހުރުމަކީ ދިއްދޫ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.

ހާޝިމް ވަކިކުރަން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ދިފާއުކުރައްވައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އިބްރާ ވާހަކަ ދެއްކެވީ ރަސޫލާ އާއި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ. އެ މައްސަލައިގައި އިބްރާ ފުލުހަށް ވެސް ގެންދިޔަ އެވެ.