މޯލްޑިވިއަން އަށް 3.8 މިލިއަން ރުފިޔާ ދައްކަން ޕީޕީއެމްގެ މައްޗަށް ހުކުމްކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަން އަށް 3.8 މިލިއަން ރުފިޔާ ދައްކަން ޕީޕީއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހިންގި ޕީޕީއެމްގެ އަތުން 3.8 މިލިއަން ރުފިޔާ ހޯދަން މޯލްޑިވިއަން އިން ދައުވާކުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރި ދަތުރުތަކަށް އެ ކުންފުންޏަށް ދައްކަންޖެހޭ އެ ފައިސާ ނުދެއްކުމުންނެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު މިހާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީޕީއެމުން ވަނީ އެ ފައިސާ ދައްކަންޖެހޭ ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.

ކޯޓުގެ ހުކުމުގައި ޕީޕީއެމަށް އަންގާފައި ވަނީ އެ ފައިސާ ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ދެއްކުމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ކުރި ދަތުރުތަކަށް މޯލްޑިވިއަން އަށް ޕީޕީއެމުން 4.8 މިލިއަން ރުފިޔާ ދައްކަން ކުރިން އޮތެވެ. އެކަމަކު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެ ޕާޓީން ވަނީ އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ޕީޕީއެމުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީން ދައްކަންޖެހޭ ފައިސާ ނުދެއްކި އޮތީ ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައި އޮތުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީގެ ބައެއް ފައިސާ ހިފެހެއްޓީ އެ ޕާޓީގެ ކޮންގްރެސްގެ ސައްހަކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުންނެވެ.

އެކަމަކު އެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނިންމުމާ އެކު، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޕީޕީއެމަށް ދޭންޖެހޭ އަށް މިލިއަން ރުފިޔާ ދޫކުރަން ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ.