ކޮލަމްބޯ (ފެބްރުއަރީ 4) - ސްރީ ލަންކާގެ 71 ވަނަ މިނިވަން ދުވަސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
މި ރަށުގެ ހިތްގައިމް ގޯލް ފޭސް ގްރީންގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވި އެވެ. އަދި ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ރާއްޖޭގެ ރައީސަކު ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރަރެވެ.
މިނިވަން ދުވަހުގެ ޕެރޭޑް ބެލުމަށް މިއަދު ވަރަށް ހެނދުނާ މީހުން ވަނީ ކޮލަމްބޯ ޕޯޓް ސިޓީ ހިމެނޭ ގޯލް ފޭސް އަށް ޖަމާވާން ފަށައިފަ އެވެ. ލަންކާގެ އެއްގަމާއި ކަނޑާ އަދި ވައިގެ ސިފައިންގެ ހަރަކާތްތަކުގެ އިތުރުން ސަގާފީ ކުޅިވަރުތައް ވެސް ވަނީ ދައްކާލައިފަ އެވެ.
ސްރީ ލަންކާގެ މިނިވަން ދުވަހަކީ ފެބްރުއަރީ 4 ވަނަ ދުވަހު އެވެ. އެއީ އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ދުވަހެވެ.