ހިލާފު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ: ނަޝީދު

ހިލާފު އުފެދޭ ފަދަ ވާހަކަތައް ދައްކައި ނަފުރަތު އުފައްދަން ކުރާ ކަންތައްތަކީ ހިނގަން ދޫކޮށްގެން ތިބޭނެ ކަންތައްތަކެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ނާތަހުޒީބު އަދި ބޭއިންސާފު ކަމެއް ކަމަށެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެ އަދި އެ ގައުމުގެ އަސްކަރިއްޔާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.

"ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކައި، އަދި އޭގެއިން ނަފުރަތު އުފައްދައި، އެކަމުގެ ޖަރުބާތުތަކެއްގައި ރައްޔިތުން ގުނބޯ ހެއްދުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ވަރަށް ނާތަހުޒީބު ކަމެއް. އަދި ވަރަށް ބޭއިންސާފު ވެސް ކަމެއް،" އަބަދުވެސް އިންޑިއާ އަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން އެގޮތަށް ހިނގަން ދޫކޮށްލައިގެން [ސަރުކާރާއި އެމްޑީޕީ]ން ނުތިބޭނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު އަދި އެމްޑީޕީ އަށް ވެސް ސާފުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ، އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. އެގޮތުން، ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދު އޮންނަން ގުޅުން ބަދަހިވުމަކީ ރާއްޖެ އަށާއި މުޅި އެތެރެވަރިއަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ ގުޅުންތައް ބަހައްޓަން ޖެހޭ މިންވަރާއި ބަހައްޓަން ޖެހޭ އިންތައް ވަރަށް ސާފު. އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ މިނިވަން ކަމަަކަށް، ދިވެހިރާއްޖޭގެ އިސްތިގުލާލަކަށް ކުޑަވެސް ބުރުލެއް އަރައިގެން ނުދާނެ ކަމީ އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަޅުވެތި ކުރަން އިންޑިއާ ސަރުކާރުން ދުވަހަކު ވެސް ނޫޅެ އެވެ. އެގޮތަށް މަސައްކަތް ކޮށްފައި ނުވަނީ އެއީ އެމީހުންގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ ކަމަށް ވިދާޅުވި އެވެ. އަދި ނަޝީދު ވިދާޅުވީ، ޑިމޮކްރެޓިކް ވެރިކަންތައް ހިންގަމުން އަންނަ އިރު އެއްބައެއްގެ މިނިވަންކަން ނަގައިލުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ތުހުމަތުތައް ޔާމީނަށާއި ޗައިނާ އަށް

ރާއްޖޭގައި ޗައިނާގެ މަސްލަހަތު ކުރިއަރުވަން އެ ގައުމުން ބޭނުންވާ ކަމަށް ކުރިއްސުރެ ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. ޗައިނާގެ މަސްލަހަތު ކުރިއަރުވަން ފާއިތުވި 10-15 ވަރަކަށް އަހަރުގެ ތެރޭގައި ކަންތައްތައް ކޮށްފައިވާ ގޮތް ސާފުކޮށް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގިނަ އަދަދުގެ ލޯނު، ގިނަ އަދަދުގެ ފައިސާ މިވަނީ ދިވެހިރާއްޖެ އާއި މި އެތެރެވަރީގައިވާ އެތައް ގައުމަކަށް ޗައިނާގެ ފަރާތުން ގެނެސްފައި. މި ފައިސާ ގިނަ ފަހަރަށް ގެނެސްފައި މިވަނީ ނުއަގުގައި މަސައްކަތްތައް ކުރުމަށް. ދެން މި ދަރަނި އަނބުރާ ނުދެއްކުނީމާ، ޗައިނާ އެދެމުން އެ ދަނީ އޭގެ ބަދަލުގައި، ހެދި އެއްޗެއްގެ ހިއްސާ ދިނުމަށް،" ޗައިނާގެ ސިޔާސަތުތަކާ އަބަދުވެސް ދެކޮޅު ހައްދަވާ ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ދަރަނި ނުދެއްކިގެން ބަނދަރާއި އެ ނޫން ބައެއް ތަންތަނުގެ ހިއްސާ ޗައިނާ އަށް ދޭން ޖެހި އެކަމުގެ ސަބަބުން އިސްތިގުލާލަށް ގެއްލުންވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ނަޝީދު، ޗައިނާއާ ގުޅޭ ގޮތުން ދެއްކެވި މިފަދަ ބައެއް ވާހަކަފުޅުތަކަށް އެ ގައުމުން ކުރިން ރައްދު ވެސް ދީފައި ވެ އެވެ. އެގޮތުން، ރާއްޖެ އަށް އެ ގައުމުން ކޮށްދޭ ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޗައިނާ އިން އަންނަނީ ތަކުރާރުކޮށް ބަނަމުންނެވެ.