އައިޖީއެމްއެޗަށް ވަދެ އަޑުގަދަ ކުރި މައްސަލައިގައި ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި

މަނީލޯންޑަރިގެ މައްސަލައިގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު، އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލް ތެރެއަށް ވަދެ އަޑުގަދަ ކުރި މައްސަލަ ބަލަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.


މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިތާ 24 ގަޑިއިރު ފަހުން ޔާމީން އައިޖީއެމްއެޗަށް ގެނައީ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދެއްކުމަށެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ މޫނަށް ޕެޕަ ސްޕްރޭ ޖެހުމުން، ބަޔަކު އޭނާގެ މޫނު ދޮންނަނީ. ---

ޔާމީން، އައިޖީއެމްއެޗްގައި އެޑްމިޓް ކުރާކަން އެނގިގެން، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެތަނުގެ ތެރެއަށް ވަދެ އަޑުގަދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. އައިޖީއެމްއެޗަށް އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ހޮސްޕިޓަލްގެ ތެރޭގައި ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިއަދު ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އައިޖީއެމްއެޗް ތެރޭގައި މުޒާހަރާ ކުރުމަކީ ދުވަހަކު ވެސް އެމްޑީޕީން ކުރި ކަމެއް ނޫން ކަމަށެވެ. އެކަމަކު، އިދިކޮޅު ސަޕޯޓަރުން އައިޖީއެމްއެޗަށް ގޮސް، އަޑުގަދަ ކުރުމުން، ވަރަށް ގިނަ ބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތިވި ކަމަށް އަފްޝަން ވިދާޅުވި އެވެ.

"ހާއްސަކޮށް ކާޑިއޮލޮޖީ ސެންޓަރު ކައިރީގައި މުޒާހަރާކޮށް އަޑުގަދަކޮށް، ވަރަށް ނުރައްކާތެރި ހާލަތްތަކުގައި ތިބި މީހުންނަށް އުނދަގޫވާ ގޮތަށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވާ ކަމީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،" ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަފްޝަން ވިދާޅުވި އެވެ.

ޔާމީން އިއްޔެ ހަވީރު ކަރެކްޝަންސްގެ އޮފިޝަލަކާ އެކު ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެހެންވެ، އަފްޝަން ވަނީ އައިޖީއެމްއެޗަށް އެއްވެ އަޑުގަދަ ކުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފަ އެވެ. ޔާމީންގެ ދިފާއުގައި އައިޖީއެމްއެޗަށަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އަފްޝަން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ތަރައްގީ ގެނައުމަށްޓަކައި އެތައް މަޝްރޫއެއް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ އިރު، އެމްޑީޕީން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވެ، ސަރުކާރު ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހީ، ނުކިޔަމަންތެރިކަން ދައްކައި ކާޑިއޮލޮޖީ ސެންޓަރު ތެރެއަށް ގަދަކަމުން ވަންނަން އުޅުމުން ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. ޔާމީންގެ ސަޕޯޓަރުންތަކެއް ކޮންޓްރޯލް ކުރަން އައިޖީއެމްއެޗު ތެރޭގައި ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން ޕީޕީއެމުން ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ޔާމީން ބަންދު ކުރީ، އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ބަންދު ކުރުމުގެ އަމުރަކަށް ޕީޖީން ކޯޓުގައި އެދުމުންނެވެ.

އެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކް ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.