ކެމްޕެއިނަށް ރައީސްގެ ލޯންޗު ބޭނުން ކުރަނީ ސަލާމަތީ ސަބަބަށްޓަކައި: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ދަތުރުތައް ރައީސް ވަނީ ފައްޓަވައިފަ އެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ކ. ގުރައިދު އަށް ވަޑައިގެންނެވި އިރު، ދާދި ފަހުން ވަނީ އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. އަދި މާދަމާ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް އެމަނިކުފާނު ފައްޓަވާނެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ދަތުރުތައް ރައީސް ކުރައްވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ކަމަށް ބުނެ، އެމަނިކުފާނަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ރައީސް އެންމެ ފަހުން ސ. ހުޅުދު އަށް ވަޑައިގެންނެވީ ރަސްމީ ލޯންޗުކޮޅުގަ އެވެ. އެ ލޯންޗުކޮޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަޑައިގެންނެވި އެވެ.

ހޫދު ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުތަކުގައި ރައީސް ރަސްމީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފުން ބޭނުންވެގެން ކަމަށެވެ. ހޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ރައީސް ކުރެއްވި ކޮންމެ ދަތުރުފުޅެއްގެ ހަރަދުތައް ބެލެހެއްޓީ ވެސް އެމްޑީޕީންނެވެ.

"އެމްޑީޕީން އޮތީ ރައީސަށް ހުޅުދު އަށް ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި. އެކަމަކު، އެމްއެންޑީއެފަށް ފެނުނީމަ އެގޮތަށް އެކަން ކުރީ. ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ރައީސް އެއްވެސް އިރެއްގައި ބޭނުމެއް ނުކުރައްވާ،" ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި އެމްއެންޑީއެފުން ސަލާމަތީ ސަބަބުތަކަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށެވެ.

"ރައީސާ އެކު ދިޔަ އެމަނިކުފާނުގެ ސެކިއުރިޓީ އޮފިސަރުންގެ ހުރިހާ ކަމެއް ބެލެހެއްޓީ އެމްޑީޕީން. އެއީ އެ މީހުންގެ ހުރުމުގެ ހަރަދާއި ޓިކެޓު ފަދަ ކަންކަން،" ހޫދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަކަށް އެމްޑީޕީން ވާދަކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ، ސަރުކާރު ކޯލިޝަންގައި މިހާރު ތިއްބެވި ބޭފުޅުން އެމަނިކުފާނަށް ފާޑު ކިއުން އަމާޒު ކުރި އެވެ.