މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ ޕިކަޕަކަށް އަރުވައިގެން ފޮށިގަނޑުތަކެއްގައި މައްޗަންގޮޅީގެ ގެއަކަށް ގެންދާ ކަމުގެ މައުލޫމާތެއް ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެ އޮޕަރޭޝަންގައި މައްޗަންގޮޅީ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ފުލުހުން ބުންޏެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހުންނަކީ ބިދޭސީން ކަމަށާއި ބާކީ ތިބީ ދިވެހި ދެ ފިރިހެނަކާއި ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންނަކީ ބަންގްލަދޭޝް އަދި އިންޑިއާގެ މީހެކެވެ.

ފުލުހުން ބުނިގޮތުގައި އެ އެންމެންގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

މި މައްސަލައިގައި، ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބޮޑު ނުވަ ރަބަރުގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ބަރުދަނުގައި 2،400 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ސެލޯފިން ކޮޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.