ޖޭއެސްސީ އަށް ހިސާން އައްޔަން ކުރަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން އައްޔަން ކުރުމަށް ނިންމައި، އޭނާގެ ނަން މަޖިލިހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ން މިއަދު ނިންމައިފި އެވެ.


މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީ އަށް އެންމެ ފަހުން ކަނޑައަޅާފައި ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ޖޭއެސްސީ އަށް ހިސާން ކަނޑައަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލިހުގެ އާ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނެވި ހިސާނަކީ މުޅިން އަލަށް މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެއް ބޭފުޅާ އެވެ.

ހިސާންގެ ނަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކުރި އިރު، އެ ޕާޓީން މަޖިލިހަށް އެކުލަވައިލި "އެޖެންޑާ 19" ގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމަށްވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހިމެނި ސިޔާސަތަކީ ހިސާންގެ ބޮޑު އެއްބާރުލެއްވުމަކާ އެކީ ތައްޔާރު ކުރި ސިޔާސަތެކެވެ.

އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ފަދަ ސިޔާސީ ތަޖުރިބާކާރު ބޭފުޅުންގެ ވަކީލަކަށް މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވި އެންމެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ވެސް ހިސާނެވެ.