ކޮމިޓީގައި ޖޭއެސްސީގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނަން: ހިސާން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައިވާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި، ޖޭއެސްސީގެ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޭނާ އިންނެވުމުން މަސްލަހަތު ފުށުއަރާނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާތީ އެވެ.

ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މަސްލަހަތު ފުށުއަރާ، ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދާ ޖޭއެސްސީގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނެނީ ހަމައެކަނި ޖޭއެސްސީގެ މަސައްކަތްތައް ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރަން ގެންނަން ޖެހޭ ބަދަލުތަކާއި ގާނޫނީ މަސައްކަތް އެ ކޮމިޓީން ކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތުން ދުރަށް ވަޑައިގަތުމަށް ގަސްތު ނުކުރައްވާ ކަމަށެވެ.

މި މަހު ހުވާކުރި 19 ވަނަ މަޖިލީހަށް އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ލޭބާ ޓްރައިބިއުނަލް އަދި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ އިސްބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނެ އެވެ.

މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހިސާނަކީ ކުރިން އެއް ލޯ ފާމެއް ހިންގެވި ދެ ބޭފުޅުންނަށް ވުމުން، އެޓާނީ ޖެނެރަލް ޖަވާބުދާރީ ކުރުވާ ކޮމިޓީއެއްގައި ހިސާން އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވާ ޖުޑިޝަރީ ކޮމިޓީ އަށް ހިސާންގެ ނަން ހުށަހެޅީ އެ ޕާޓީންނެވެ. އޭނާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވިލިނގިލީ ދާއިރާ އަށް އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ސައުދު ހުސެއިނެވެ.

އާ މަޖިލިހަށް އަލަށް އުފެއްދި ހިއުމަން ރައިޓްސް ކޮމިޓީގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެމްބަރުން މައްސަލަ ޖެއްސުމުން އޭނާގެ ނަން ވަކި ހިސާބަކުން އަނބުރާ ގެނެސް އެހެން ކޮމިޓީ އަކަށް ލި ކަމަށް ވެ އެވެ. ހުސައިން މުހައްމަދު ލަތީފުގެ އަނބިކަނބަލުންނަކީ އެ ކޮމިޓީ އަށް ޖަވާބުދާރީވާން ޖެހޭ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރެކެވެ.