އެއާޕޯޓާއި އެ ނޫން ތަނެއް ވެސް ޖީއެމްއާރަށް ދޭކަށެއް ނުނިންމާ: ތަރުޖަމާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރު ތެރޭގައި ކުރަމުން އަންނަ ކަމަށް ކުރާ ތުހުމަތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ދޮގުކުރައްވައިފި އެވެ.


އެއާޕޯޓު 35 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނީ އެމްޑީޕީގެ ސަރުކާރުގަ އެވެ. އެއީ ދައުލަތަށް ގެއްލުންވާ ގޮތަށް ވި އެއްބަސްވުމެއް ކަމަށް ބުނެ އެމްޑީޕީގެ ވެރިކަމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލް ކުރި އެވެ. އޭގެ ފަހުން އެއާޕޯޓް ހިންގަމުން އަންނަނީ ސަރުކާރުގެ ކުންފުނި އެމްއޭސީއެލުންނެވެ.

މި ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި އިންޑިއާއާ ގާތްވި މިންވަރަށް ބަލާއިރު، އިދިކޮޅުގެ އެއް ކަންބޮޑުވުމަކީ އެއާޕޯޓް ހިންގުން އަލުން ޖީއެމްއާރާ ހަވާލުކޮށްފާނެ ކަމުގެ ބިރެވެ. އެ ޝައްކު ބޮޑުވީ، ޖީއެމްއާރުގެ އޮފިޝަލުންތަކެއް އެއެއާޕޯޓް ތެރޭގައި ހަރަކާތްތެރިވި މަންޒަރު ފެންނަ ފޮޓޯތަކަކުންނެވެ.

ޖީއެމްއާރުގެ އޮފިޝަލުން އެއާޕޯޓުގައި ހަރަކާތްތެރިވީ ސަރުކާރާ ގުޅުން ހުރި ކަމެއްގައިތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ސީދާ ޖަވާބު ނުދެއްވައި ހޫދު ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެއް ކަމަށެވެ. އޭގެ ތެރޭގައި ޖީއެމްއާރު ބޭފުޅަކު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ވަޑައިގެންފާނެ ކަމަށް ވިދާޅުވި އެވެ.

"ޖީއެމްއާރަށް އެއާޕޯޓް އަދި އެ ނޫން ތަނެއް ވެސް ދޭކަށް ނިންމާފައެއް ނެތް. އެފަދަ އެއްބަސްވުމެއް ވެފައެއް ނެތް. އަދި [އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ] މޯދީގެ ދަތުރުފުޅުގައި ތަނެއް ހޯދާކަށް އެދިވަޑައިގެންފައެއް ވެސް ނެތް،" ހޫދު ވިދާޅުވި އެވެ.

ހޫދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އިންޑިއާ އަށް ތަނެއް ކުއްޔަށް ދިނުމާ ގުޅޭ އެއްވެސް ވާހަކައެއް މޯދީގެ ދަތުރުފުޅުގައި ވެސް ކުރިއަށް ނުދާ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ފައިސާ ދައްކައި ޚަލާސްކޮށްފަ އެވެ.

ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ރާއްޖޭގައި މިހާތަނަށް އެންމެ އަގު ބޮޑު އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިންޑިއާގެ ކުންފުންޏަކަށް ކުއްޔަށް ދޭން އުޅޭ ކަމަށް ކުރާ ތުހުމަތު ހޫދު ދޮގުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ގުޅުން ބަދަހިކުރަމުން އަންނަނީ އިންޑިއާއާ އެކަންޏެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، ސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމުތަކަކާ އެކުގައި ވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށް ވިދާޅުވި އެވެ.

"މި ސަރަހައްދުގެ ބަސް ވިކޭ ގައުމެއްގެ ގޮތުގައި އޮތް އިންޑިއާއާ ގާތް ގުޅުމެއް ބޭއްވުމަކީ އެހެން ގައުމުތަކާ ރުޅި ހަދައިގެން އުޅޭ ވާހަކައެއް ވެސް ނޫން،" ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ވެސް އިންޑިއާއާ ގާތް ގުޅުމެއް ބޭއްވި ކަމަށާއި ސިޔާސީ ސަބަބުތަކަކަށްޓަކައި އެ ވާހަކަ މިހާރުގެ އިދިކޮޅު ޕާޓީގެ އިސް ބޭފުޅުން ނުދައްކަވަނީ ކަމަށެވެ.