ފުލުހުން ބުނިގޮތަށް 48 ގަޑިއިރު ތެރޭ ލުތުފީ ރާއްޖެއަކަށް ނުގެނެވުނު

ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ގޮސް ހަވާލުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގައި އިސްކޮށް ހުރި، ލުތުފީ އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ގަ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އަށް ވިދާޅުވި ގޮތުގައި އެ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން އައީ ކުރަމުންނެވެ. އެކަމަކު އދ.ގެ ސިސްޓަމްގެ ތެރެއިން ލުތުފީ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން އޭނާ ރާއްޖެ ވަގުތުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ދިން ދެ ދުވަހުގެ މުއްދަތު މިއަދު ހަމަވުމާއެކު ފުލުސް އޮފީހުން ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް މިއަދާ ހަމައަށް ވެސް ފުރިހަމަ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު އެތަނުން އުއްމީދު ކުރަނީ، ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަށް އޭނާ ރާއްޖެ ގެނައުމަށް ކަމަށް ފުލުހުން ބުންޏެވެ.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ލަންކާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ނެތުމުން ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ހޯދަންވެގެން އިންޓަޕޮލް އިން ރެޑް ނޯޓިސް ނެރެފައިވާ ލުތުފީއަކީ ހުކުމެއްގައި ހުރެފައި ބޭސްފަރުވާ އަށް 2010 ގައި ފޮނުވުމުން ފިލައިގެން އުޅޭ މީހެއް ކަން ފާހަގަކުރައްވައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ހާލަތުގައި އޭނާ ލަންކާ އިން ގެނެވެން އޮތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އަސްލު ނަން އޮޅުވާލައިގެން ލަންކާގައި ދިރިއުޅުނު ލުތުފީ އެންމެ ފަހުން ސަރުކާރުގެ ބެލުމުގެ ދަށަށް މިދިޔައީ އެޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭރު މީހުން ބަލާފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑިޕޯޓްކުރަން، އެ ގައުމުން މަސައްކަތް ފެށުމުންނެވެ. އޭނާ އަށް އިތުރު ގޮތެއް ނެތީ އެވެ. ލުތުފީ އަށް ކުރިމަތިވީ، ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެއަށް ވަދެގެންނެވެ. ސްރީ ލަންކާއިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ އިސްކޮށް ހުރެ، ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި އަށް ސިފައިން ހިމެނެ އެވެ.