ހުކުމެއް ނެތި ޖަލުގައި ގެންގުޅޭ މައްސަލަ ހައްލުވާނީ ކޯޓުން: ޕީޖީ

ހުކުމެއް ނެތި ޖަލުގައި އެތައް އަހަރެއް ވަންދެން ގައިދީންނަށް އިންސާފު ނުލިބި މަޑުޖެހިފައި އޮތީ ކޯޓުތަކާ ހިސާބުން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މި ހަފުތާގައި ބުނެފި އެވެ.


ކުށްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ގިނަ ބަޔަކު އެބަތިއްބެވެ. އޭގެތެރޭގައި ހުކުމެއް ނެތި ގޮޅީގައި ބަންދުކުރިތާ އަށް އަހަރު ވެފައިވާ މީހުން ވެސް ހިމެނެ އެވެ.

ރިމާންޑް ޖަލުގައި މިގޮތަށް ތިބި އެތައް ބައެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި ވިޔަސް ހައްލު ނުލިބޭ މައްސަލައިގައި ކަރެކްޝަނަލް ސާވިސް އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެތަނުން ބުނެފައިވާ ގޮތުގައި، އެ މައްސަލައިގައި ކަމާބެހޭ އިދާރާތަކުން އަވަސް ހައްލެއް ހޯދައިދޭން ޖެހެ އެވެ.

އެ މީހުންގެ ލިސްޓެއް އެކުލަވާލައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާއި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.

ހުކުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ބަންދުކޮށްފައި ތިބި މައްސަލައިގައި، ޖުޑިޝަރީ ކޮމިޓީން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްއާ މެމްބަރުން ސުވާލު ކުރެއްވުމުން އޭނާ ވަނީ އެ މައްސަލަ އަށް ހައްލު ހޯދަން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު ކޮމިޓީއާ ހިއްސާކުރައްވައިފަ އެވެ.

ބިޝާމް ވިދާޅުވި ގޮތުގައި އެގޮތަށް ބަންދުކޮށްފައި ތިބި ވަކިވަކި މީހުންގެ ފައިލްތައް ހުޅުވައި ހައްލެއް ހޯދަން އެ އޮފީހުން ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ. އެކަމަކު މިހާތަނަށް ހައްލު ނުލިބި އޮތީ ކޯޓުތަކާ ހަމައިން ކަަމަށް ވިދާޅުވި އެވެ.

"ޝަރީއަތް ލަސްވެފައި ހުރި ވަރަށް ގިނަ އަދަދެއްގެ މައްސަލަ އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. އެގޮތަށް ފާހަގަވި ކޮންމެ މައްސަލައަކާ ގުޅިގެން އަޅުގަނޑުމެން ދިޔައީ އެ މައްސަލައެއް ހުށަހެޅިފައި އޮތް ކޯޓަށް އަދި އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ވެސް ގެންނަމުން،" ބިޝާމް ވިދާޅުވި އެވެ.

"ކޯޓުތަކުގެ އިދާރީ އިންތިޒާމްތައް ހަމަނުޖެހިގެން ބައެއް މައްސަލަތައް ނުނިމިފައި ހުރިކަން ވެސް ފާހަގަކުރެވޭ."

އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތްތައް ކުރިއަށް ނުދާތީވެ ޑިސެމްބަރު، 5، 2018 އިން މިދިޔަ ހަފުތާގެ ނިޔަލަށް 120 ސިޓީއަކުން އެ މައްސަލަތައް އަވަސްކޮށްދޭން އެދިވަޑައިގެންފައިވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.