ލުތުފީ އަކީ އަޅުގަނޑަށް ކަމުދިޔަ ބޭފުޅެއް ނޫން: ޝިޔާމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަކީ ކަމުދިޔަ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.


ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީ އަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ލުތުފީ އަކީ މާތް އަދި ރަނގަޅު ބޭފުޅެއް ވެސް ނޫން ކަމަށެވެ.

ލުތުފީ ކަމުނުދިޔައީ ޝިޔާމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރުގައި ތިއްބެވި ވަޒީރުން ކުރެއްވި "ވައްކަންތައް" ބަލަން ރައްޔިތުން އޭސީސީ އަށް ހުށަހެޅުމުން ލުތުފީ އެ މައްސަލަތައް ނުބެއްލެވުމުންނެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނިން ދިވެހި ދައުލަތަށް ދިން ފައިސާތަކުގެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން، އެ މައްސަލަ ވެސް ލުތުފީ ބައްލަވާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި ތަނުގައި އަދުލު އިންސާފާއި އަނިޔާވެރިކަމާއި އިހްލާސްތެރިކަމާއި ސިޔާސީ ނާޅިން މިނާ ތަން މި ފެންނަނީ. ދެން ރައްޔިތުންނަށް ވާނެ އިހްލާސްތެރިކަމެއް، ގެނެވޭނެ އިންސާފުވެރި ކަމެއް އަޅުގަނޑަކަށް ނޭނގޭ،" ނައިފަރު ދާއިރާގެ މެމްބަރު ކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 1.4 ބިލިއަން ޑޮލަރު ގެއްލިގެން ދިޔަ އިރު، އެ މައްސަލަ ވެސް ބަލާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ ދުރުގައި ހުންނެވި އިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލުތުފީ ދިރިއުޅުއްވަމުން ގެންދަވަނީ އާއިލާއާ އެކު މެލޭޝިއާގަ އެވެ.

ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.

ލުތުފ އަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށް ދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތުކޮށް، ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.

އޭސީސީގެ ރައީސް ލުތުފީ: ބީއެމްއެލްގައި ޔާމީނަށް އެކައުންޓެއް ހުޅުވިއިރު މިހާތަނަށް އެއްވެސް މައްސަލައެއްގައި އޭސީސީން މި ގޮތަށް އަމަލުކޮށްފައެއް ނުވޭ.

އެކަމަކު މަޖިލީހުގެ ރޭގެ ބަހުސްގައި ޝިޔާމް ވަނީ ލުތުފީ އަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި އިމްރާނަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިމްރާން އަމަލު ކުރެއްވި ހަޑިމުޑުދާރު އަމަލެކެވެ.

"މި އަމަލު ކުރިއިރު ހޯމް މިނިސްޓަރު ހުންނެވީ އާރަށުގައި. ހޯމް މިނިސްޓަރު އާރަށުގައި ހުންނަވައި މިކަން ކުރުމުގެ މަގްސަދެއް ވެސް އޮންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި މި ވަގުތު ހުންނެވި ލުތުފީ، ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ އިންޒާރު އިމްރާން ދެއްވި ކަމަށެވެ. އަދި ބަޔަކު މަގުމަތިން ދިމާކޮށްލައި، "ކަރުގައި" ހިފައި ބިރު ދައްކާ ހެދި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

އެކަމަކު، މި ވަގުތު ސައުދީ އަރަބިއްޔާގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ލުތުފީގެ ތުހުމަތާ ގުޅިގެން އަންތަރީސް ވެވަޑައިގެންނެވި ކަމަށެވެ.

މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ އިމްރާން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ލުތުފީ ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގެންނެވީ އަމިއްލައަށް ކުރެވިފައި ހުރި ކަންކަމުން ރެކެން ވެގެން ކަމަށް ވެސް ބައެއް މެމްބަރުން ސިފަ ކުރެއްވި އެވެ. ލުތުފީ ރާއްޖެ ގެނެސް، އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.