ޕާކިން ޖާގަ އިތުރެއް ނުކުރޭ، މަގުމަތީ ޕާކުކުރުން މަނާކުރީ: މުއިއްޒު

ޕާކު ކުރާނެ ޖާގަ ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ވީ ވައުދު ފުއްދަން ޕާކިން ޖާގަ އިތުރު ކުރަމުން އަންނަ ކަމަށް މި ސަރުކާރުން ހަދަނީ ދޮގު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލޭގައި ޕާކުކުރާނެ ޖާގަ ހަދަމުން އަންނަ ކަމަށް މި ސަރުކާރުގެ އެކި ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަން ކުރައްވާ ގޮތް އޭނާ ބެއްލެވި ކަމަށެވެ. ޕާކިންއާ ގުޅޭ ގޮތުން ދައްކާ ވާހަކަ ދިމާނުވާ ކަން އެނގިވަޑައިގަތީ އެ ތަންތަން ފެނިވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ.

"މި ބޭފުޅުން ކުރެއްވި ކަމަކީ، ހެދި ކަމަށް އެ ވިދާޅުވާ ޕާކިން ޖާގައެއްގެ ކައިރިން މަގުމަތީގައި ޕާކުކުރުން މަނާކޮށްލީ. މަގުމަތީގައި ޕާކު ކުރެވޭނެ ޖާގަތައް ނަގާފައި، ޑަބަލް ރޮނގު ދަމާފައި ނޫނީ އެހެން ގޮތްގޮތުން ޕާކުކުރުން މަނާކޮށްފައި ވެހިކަލްތައް ލީ އިތުރުކުރި ޖާގަ އަށް ކަމަށް ވިދާޅުވާ ތަންތަނަށް،" މުއިއްޒު ވިދާޅުވި އެވެ.

"ޕާކިން ޖާގަ އިތުރެއް ނުވޭ އަދިއެއް."

ޕީޕީއެމް/ޕީއެންސީން އިންތިޒާމުކޮށްގެން ބޭއްވި މަ ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވަނީ ތޮއްޖެހިފައިވާ މާލެ އަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އިސްކަން ދެމުން އަންނަ ކަމަށެވެ. އެއްގަމު އުޅަނދު ޕާކް ކުރުމުގެ މައްސަލައަށް ހައްލު ހޯދަން އެކި ސަރަހައްދުތަކުގައި ޕާކް ކުރާނެ ތަންތަން ހަދާފައި ހުރި އިރު، އިތުރު ތަންތަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވަނީ ކުރީގެ ސަރުކާރުން ފެށި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބެހެއްޓުމުގެ މަޝްރޫއު ހުއްޓާލައި އެތަންތަން ނަގަން ނިންމާފައިވާތީ ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިން ސިސްޓަމްތަކަށް އަޅާނުލައި އަށް މަސް ވަންދެން ބެހެއްޓީ އޭގައި ދަބަރު ޖަހަންދެނެވެ. އޭގެ ފަހުން އެ ސިސްޓަމްތައް ރޫޅާލައި ކައިރި ގައުމެއްގެ ކުންފުންޏަކަށް ބާ ދަގަނޑުގެ ގޮތުގައި ވިއްކާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިއެއްޗިއްސަށް މިހެން ހެދީ ވެސް ވިއްކާލަން ޑީލެއް ހަދައިގެން ކަަމަށް ވަނީ. އެ އެއްޗެހި މިހާރު ތިލަފުށީގައި ބަހައްޓާފައި ހުރީ އެ ޕްރޮސެސްގެ ތެރެއިން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މި ތުހުމަތު ކުރެއްވި ނަމަވެސް ރައީސް އޮފީހުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ސިސްޓަމްތަކެއް އިންސްޓޯލްކޮށްފައި ހުއްޓަސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެއީ، ރާއްޖެ އަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި ސިސްޓަމްތަކެއް ނޫން ކަމަށް ވާތީ އެ ތަކެތި ނަގައި ރައްކާކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ކޮންމެ ބަޔަކު ޚަރަދުކޮށްގެން ކުރި ކަމެއް ކަމަށް ވިޔަސް އެއީ ދައުލަތުގެ މުދާ، އެ ހުންނާނެ ރައްކާކޮށްފައި،" އަސްލަމް ވިދާޅުވެފައިވެ އެވެ.

މާލޭގެ އެކި ހިސާބުތަކުގައި 20 ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި 2016 ގައި ހައުސިން މިނިސްޓްރީން އިއުލާންކުރި އެވެ. އެކަން އެސްޓީއޯއާ ހަވާލުކުރުމުން ބައެއް ތަންތަނުގައި ސިސްޓަމް ބެހެއްޓި އެވެ. ވެލާނާ ބިލްޑިން ކައިރީގައި ބެހެއްޓީ ކާރަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ. ކުރިން ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ ސިސްޓަމެކެވެ.

އެ ސިސްޓަމްތައް ނަގައި އެ ތަންތަނުގައި އަންނަނީ ޕާކިން ޖާގަ ހަދަމުންނެވެ.