ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރަން ގޮވާލައި މަޖިލިހަށް ކުއްލި މައްސަލައެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައި ބަހުސް ފަށައިފި އެވެ.


މި ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަތީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދިނީ ދައުލަތުގެ ހަޒާނާ އިން ވައްކަން ކުރި މީހުން ދެނެގަނެ، އެމީހުންނަށް ފިޔަވަޅު އަޅަން ކަމަށެވެ. އަދި ފައިސާ ދައުލަތުގެ ހަޒާނާ އަށް ވައްދައި ރައްޔިތުންނަށް ފައިދާވާން އެމީހުން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތަކުގައި ބައިވެރިވާ މީހުން ހޯދައި ފިޔަވަޅު އެޅުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ކުއްލި މައްސަލައިގައިވެ އެވެ. އަދި ގޮތް ނޭނގޭ 29 މަރެއް ރާއްޖޭގައި ހިނގާފައިވާ އިރު، އެކަން ހިނގި ގޮތް ބަލަން ބޭނުންވާ ކަމަށް އޭގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

ކުއްލި މައްސަލައިގައި ވަނީ ބިޝާމްގެ ފާހަގަ ކުރައްވާ ބޭފުޅުންނަކީ ކޮބައިތޯ ބެލުމަށް ރައްޔިތުން ކެތްމަދުވެފައިވާ ކަމަށެވެ. އަދި މި ދެ މައްސަލައިގައި ޝާމިލްވާ މީހުންނާ މެދުގައި ފިޔަވަޅު އެޅުމަށް ރައްޔިތުން އިންތިހާ އަށް ބޭނުންވާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ.

އެހެންވެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު މީހުންނާއި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތަކުގައި ޝާމިލްވާ އެންމެންގެ ނަންތައް ހާމަކޮށް، އެމީހުންނާ މެދުގައި ސަރުކާރުން ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށް ވެސް ހަސަން ލަތީފްގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. ހިޔާނާތުން މަންފާ ލިބުނު މީހުންގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް އެބަގެންދެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި މި ޚިޔާނާތް މި ވެރިކަން ފެށުމާއެކު އަލުން ތަހުގީގުކޮށް ފުލުހުން ވަނީ ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އޭގެތެރެއިން، މި ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ލިބުނު، (ޑޮލަރު ގަތުމުގެ ތެރެއިން ނަމަވެސް) 155 މީހުންގެ ލިސްޓެއް އާއްމު ކުރި އެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ. އެކަމަކު މި ލިސްޓުގައިވާ އެކަކު ވެސް ދައުލަތުގެ ފައިސާގައި ޖެހުނު ކަމަކަށް ނުވި އެވެ. އޭގެތެރެއިން ގިނަ މީހުން ބުނެފައި ވަނީ އެއީ އެސްއޯއެފާ އެކު ހިންގި ޑޮލަރުގެ ސައްހަ މުއާމަލާތެއް ކަމަށެވެ.