އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރަން އެމްޑީޕީގެ މެމްބަރުންނަށް އަންގައިފި

އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނަށް އެ ޕާޓީން މިއަދު އިލްތިމާސްކޮށްފި އެވެ.


އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ދެކޮޅަށް މަޝްހޫރު ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ މި ދަނޑިވަޅުގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެ ޕާޓީގެ އެއްވެސް މެމްބަރަކު ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އެގޮތުން، އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެގޮތަށް ވަނީ އެދިފަ އެވެ.

"އަދި އިދިކޮޅު ހަރަކާތްތަކަށް ބާރު ލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ދުރޫސުލް އަޚްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށްޓަކައި އެކަން ހަނދުމަފުޅުކޮށް އަރުވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

މި ނޫސްބަޔާން އާންމު ކުރުމަށް ފަހު، އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، ސަރުކާރު ދިފާއު ކުރައްވަން ލާޒިމްވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އެކަން ކުރައްވަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުތަކުގައި ތިއްބަވަންޖެހޭ، ބައިތިއްބަވަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ޓުވީޓު

ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ހަޖޫ ޖަހައި، ފުރައްސާރަ ކޮށްފައިވާތީ އެމްޑީއެންއާ ދެކޮޅަށް BanMDN# ގެ ނަމުގައި މަޝްހޫރު ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑީއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ އަދި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ފާހަގަކުރެވެ އެވެ. އެ މީހުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އެ ޖަމިއްޔާ އުވައިލުމަށާއި އިސްލާމްދީނަށް ހަޖޫ ޖަހައި ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށެވެ.

އެ ރިޕޯޓު ލިޔުނު މީހުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އިރު، އޭގެ ތެރެއިން ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް ދެ ހަފުތާގެ ނޯޓިސް ދީ، ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. އެ ދެ މީހުން ވެސް އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.