ހިޔާލު ތަފާތުވިޔަސް ދެ ރައީސުން ކަންކަން ނިންމަވަނީ އެކުގައި: ޖަމީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށާއި އެބޭފުޅުން ކަންކަން ނިންމަވަނީ އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރޭ ވަނީ ފުރާވަޑައިގެންފަ އެވެ. އަދި ޔޫއޭއީ އަށް ފުރާވަޑައިގަތުމުގެ ކުރިން ދެ ބޭފުޅުން މަތިންދާބޯޓުގައި އިންނެވި ފޮޓޯއެއް ނަޝީދު ވަނީ ޓުވީޓް ކުރައްވައިފަ އެވެ.

މި ފޮޓޯއާ އެކު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތު ވިޔަސް، ބަޖެޓާއި ބަދަލު ދިނުމާއި ޖުޑީޝަރީގެ ކަންކަން ދެ ބޭފުޅުން ނިންމަވަނީ އެކުގައި ކަމަށެވެ.

ޖަމީލް ކުރެއްވި ޓުވީޓު.

"ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް. ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި،" މިހާރުގެ ސަރުކާރުގެ ވެރިންނާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތް ކުރެއްވި އެކަމަކު މިހާރު ޔާމީންގެ ހިމާޔަތުގައި އުޅުއްވާ ޖަމީލް ވިދާޅުވި އެވެ.

ރައީސް އާއި މަޖިލިހުގެ ރައީސްއާ ދެމެދުގައި ހިޔާލު ތަފާތުވުން އޮންނަ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ ތުހުމަތުތައް ދޮގު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެ މަނިކުފާނާއި ނަޝީދާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށެވެ. އަދި އެއްވެސް ކަހަލަ ހިޔާލު ތަފާތުވުންތަކެއް ނޫޅޭ ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ.

ޔާމީނުގެ ފުރަތަމަ ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ، ކުރިން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ޔާމީންގެ އަނިޔާވެރިކަމާއި ހިޔާނާތާ ބެހޭ ގޮތުން، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވެސް ގެންދެވި އެވެ.

ހައްޔަރުކޮށްފާނެތީ އެ މަނިކުފާނު ދިރިއުޅުއްވީ އިނގިރޭސި ވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުންނެވެ. އޭރުއްސުރެ، އިނގިރޭސި ވިލާތުގައި ޖަމީލް މަސައްކަތް ކުރެއްވީ ވެސް ނަޝީދާ އެކު ސިޔާސީ މަސައްކަތުގަ އެވެ. އޭރުގައި އުފެއްދި އިދިކޮޅު އިއްތިހާދުގެ ލީޑަރުކަން ވެސް ޖަމީލް ވަނީ ކުރައްވައިފަ އެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ މައްޗަށް ކުރި ދައުވާ އާއި އެ ހިޔާނާތާ ގުޅިގެން ފުލުހުން މިހާރު ވެސް ކުރިއަށް ގެންދާ ތަހުގީގުތަކުގައި އެ މަނިކުފާނުގެ ދިފާއުގައި އަމަލީ ގޮތުން ޑރ. ޖަމީލް އުޅުއްވަ އެވެ. އަދި ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ ތުހުމަތުތައް ގެންދަވަނީ ދޮގުކުރައްވަމުންނެވެ.