ރައީސަށް ކުރި ތުހުމަތާ ގުޅިގެން ބަޔާން ދޭން ދެކޮޅު ހެއްދެވުމުން ޖާބިރު އޭސީސީ އަށް ހާޒިރުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައިގައި ބަޔާން ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދެކޮޅު ހެއްދެވުމުން އޭނާ އޭސީސީ އަށް ހާޒިރުކުރަން ޗިޓް ފޮނުވާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


މަޖިލިހުގެ އެކި ޖަލްސާތަކުގައި ޖާބިރު މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ރައީސް، ގިނަ އަދަދެއްގެ ފައިސާ ވެސް ޖާބިރު އަތުން ނަންގަވާފައި ކަމަށާއި އެމްޑީޕީ އަށް ލިބުނު ވެރިކަން ފޭރިގަތީ ރައީސް ކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

ޖާބިރު މަޖިލިހުގައި ދެއްކެވި ވާހަކައާ ގުޅިގެން އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އަދި އެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އަންނަ ކަމަށްވެ އެވެ.

ޑީއާރުޕީން ކުރި ޓުވީޓެއްގައި ބުނީ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލަ އަށް ބަޔާން ދިނުމަށް ޖާބިރަށް ގުޅުމުން އެކަން ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ޖާބިރު އޭސީސީ އަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރުމަށް ގުޅާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މަޖިލިހުގައި ޖާބިރު ކުރިން ވިދާޅުވީ މީހުންނަށް ދޮގު ހެދުމާއި މަކަރާއި ހީލަތް ހެދުމާއި ވައްކަން ކުރުމާއި އެފަދަ ނުބައި ނުލަފާ މީހުން ރާއްޖޭގެ ވެރިކަމުގައި ތިބެގެން ނުވާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރުން މިހާރަށް މަގާމުން ވަކިކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.

ޖާބިރު ތުހުމަތުކުރައްވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.