ހުޅުމާލޭގައި ސްޓޭޑިއަމް އަޅާ ޗައިނާ ކުންފުނީގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ ޗައިނާގެ ކުންފުނީގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.


ހުޅުމާލޭގައި މަތީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލު ކޮށްފައި ވަނީ ޗައިނާގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނީސް މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.

ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ގައި ސޮއިކުރެއްވި އެއްބަސްވުމުގައި ވާ ގޮތުން، އޭގައި ސޮއިކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި، ސްޓޭޑިއަމް އެޅުމުގެ މަޝްރޫއާ ގުޅޭ ހުރިހާ ދިރާސާއެއްކޮށް، ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަން ޖެހެ އެވެ.

ރާއްޖޭގައި 2023 ގައި ބާއްވާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ކުރާ މި ސްޓޭޑިއަމާ ގުޅޭ މަޝްވަރާތަކަށް ސީއެމްއީސީގެ އިސް ވަފުދެއް މި އައީ އެއްބަސްވުމުގައި ސޮއި ކުރިތާ ހަތަރު މަސް ފަހުންނެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިޒޯން އަދި ސީއެމްއީސީގެ ވަފުދުގެ ބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، އޮލިމްޕިކް ސްޓޭންޑާޑުގެ ސްޓޭޑިއަމެއް ހުޅުމާލޭގައި ހެދުމަށްޓަކައި އެތަނުގެ ޑިޒައިންތަކާ ގުޅޭ ކަންކަން ހިމެނޭ ކަމަށެވެ. އިތުރު ތަފްސީލެއް ދެ ސަރުކާރުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ސީއެމްއީސީގެ ވަފުދުގެ ބޭފުޅުން ވަނީ ރައީސްގެ އިތުރުން ކަމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްބޭފުޅުންނާ ވެސް މިއަދު ބައްދަލު ކުރައްވައިފަ އެވެ.

ސީއެމްއީސީގެ އިސްބޭފުޅުންނާ އެކު، ރައީސް ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެ އަށް އުމްރާނީ ތަރައްގީ ގެންނަން ޗައިނާ އިން ގިނަ މަސައްކަތްތަކެއް ކުރާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ބައިވެރިވެވަޑައިގަތެވެ.

ސީއެމްއީސީ އަކީ ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިން ހިންގި ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި 1،500 ހައުސިން ޔުނިޓް އަޅައިފަ އެވެ. މި މަޝްރޫއުގެ ދަށުން ސީއެމްއީސީން އެންމެ ގިނަ ފްލެޓް އެޅީ ހުޅުމާލޭގަ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނިން ވަނީ 704 ހައުސިން ޔުނިޓް އިމާރާތް ކޮށްފަ އެވެ.