ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުން އެކި މީސްމީހުންނަށް ދައުވާކުރާ މައްސަލަތައް ކޯޓުތަކުން އަވަސް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން މިގޮތަށް ނިންމިއިރު، ގދ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުައްޖަކަށް، އެ ކުއްޖާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، އެފަދަ ކުށްކުރާ މީހުންނަށް އަދަބު ދިނުމުގައި ލަސްވަމުންދާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މިކަމާ ގުޅިގެން، ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާ ސަބަބު ހޯދުމަށްޓަކައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލު ކުރުމަށާއި އެ މައްސަލަތައް އަވަސް ކުރަން އެޅޭނެ ފިޔަވަޅުތައް ބަލަން ފަށައި، މި ހަފުތާގެ ތެރޭގައި އެ މަސައްކަތް ނިންމަން އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އަންގަން ވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ކަނޑުހުޅުދޫގައި ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، އެކަމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ނުކުމެފަ އެވެ. އެކަމާ ގުޅިގެން ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މަޖިލީހުން އެކަން ބަލަމުންދާއިރު، ތުހުމަތު ކުރެވޭ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. ބައްޕަ އަށް ފުލުހުން ކުރާ ތުހުމަތަކީ ކުއްޖާ އަށް އިހުމާލު ވުމެވެ.
ކުއްޖާގެ، އުމުރުން 82 އަހަރުގެ މުނިކާފަ އަކީ މިހާރު ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑް އޮތް މީހެކެވެ. އޭނާގެ މައްސަލައެއް މިހާރު ވެސް އޮތީ ޝަރުއީ މަރުހަލާގަ އެވެ.