ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ، އެ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް ނުވަ މީހަކާ ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުށަހެޅި އެ މައްސަލައިގައި ނުވަ މީހަކާ ސުވާލުކޮށް، ފާހަގަކުރެވިފައިވާ ކަންކަމާ ގުޅިގެން އިތުރު މީހުންނާ ވެސް ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ޖޭއެސްސީން މިހާރު ވެސް ތަހުގީގު ކުރަމުން ދާއިރު އެ މައްސަލަތަކުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ޖޭއެސްސީން ބުނެ އެވެ.
އިސް މެޖިސްޓްރޭޓް ހަސަން ދީދީ އަށް ކުރާ ތުހުމަތު:
1- މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.
2- މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރަން މަޖުބޫރު ކުރުވުން.
3- ހަޑިހުތުރު ބަހުން އެއްޗެއް ގޮވުން.
4- މުވައްޒަފުންނަށް ބަރަހަނާ ވީޑިއޯ ދެއްކުން.
5- ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުން.
6- ހެކިންގެ ބަޔާން ނެގުމަށް ހުރަސް އެޅުން.
7- މާރާމާރީ ހިންގުމަށް ހިތްވަރު ދިނުން.
އެ މައްސަލަތައް ބަލަމުންދާތީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހަސަން ދީދީ ހުރީ ސަސްޕެންޝަނުގަ އެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، އެ ރަށުގެ ދެ އަހަރު ނުފުރޭ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ގިނަ ބައެއް ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަނިކޮށް، ފުލުހުން މިހާރު ވަނީ އެ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.