ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ހަސަން ދީދީގެ މައްޗަށް ކުރާ ގިނަ ތުހުމަތުތަކެއް ޖޭއެސްސީން ވަނީ ތަހުގީގުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމާއި ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި މުވައްޒަފުންނަށް އެ ފަދަ ވީޑިއޯ ދެއްކުން ހިމެނެ އެވެ. އަދި ގާނޫނާ ހިލާފަށް ދަތުރުކުރުމާއި ބިލްތައް ހެދުމާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އެޅުން ފަދަ ކަންކަން ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ޖޭއެސްސީގެ މިއަދުގެ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، މިއީ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތަކާ ހިލާފު ކަންކަމަށް ވާތީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އެކަމަކު، މަޖިލީހަށް އެ މައްސަލަ ހުށަހަޅާނެ ވަކި ދުވަހެއް ނިންމާފައެއް ނުވެ އެވެ.
ހަސަން ދީދީއާ ގުޅުން ހުރި މި މައްސަލަތައް ބަލަމުންދާތީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.