މުދިމުގެ އަންހެނުން ޖިންސީ ގޯނާގެ މައްސަލައެއް ސިއްރުކުރި ކަމުގެ ތުހުމަތު!

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖާއާ ބެހުނު މައްސަލައިގައި ހައްޔަރުކުރި އުމުރުން 62 އަހަރުގެ މުދިމު، ކުރިން ހިންގި ކަމަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ އަމަލުތަކެއް، ފިޔަވަތީގައި ވަޒީފާ އަދާކުރި އޭނާގެ އަންހެނުން ސިއްރުކުރި ކަމުގެ ޝަކުވާތަކެއް މި ރަށުން ކޮށްފި އެވެ.


ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ބައިތިއްބާ މަރުކަޒު، ފިޔަވަތީގައި އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރި އަންހެންމީހާ ސަސްޕެންޑްކުރީ، މާމަ ދަރިފުޅު ޖިންސީ ގޯނާގެ ޝިކާރައަކަށް ވި މައްސަލަ ފެންމަތިވުމުންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި، ރައްކާތެރި މާހައުލެއް ހޯދައިދޭން ކުދިން ބައިތިއްބާ މަރުކަޒުގެ ވަޒީފާ އިން އޭނާ ސަސްޕެންޑް ކުރީ، ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ތަފްސީލެއް ނުދެ އެވެ.

އެއް އަހަރާ ނުވަ މަހުގެ ކުއްޖާ އަށް މުދިމާއި އޭނާގެ ބައްޕަ (އެ ކުއްޖާގެ މުނި ކާފަ) ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިތްހަމަނުޖެހިފައި ތިބި މި ރަށުގެ ބައެއް މީހުން ބުނިގޮތުގައި، މުދިމުގެ ބޮޑު މައްސަލައެއް މީގެ އަހަރުތަކެއް ކުރިން ފަޅާއެރި އެވެ. ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި އެ މައްސަލައިގައި، ހިތްހަމަނުޖެހި މުދިމުގެ އަންހެނުން ދަރިންނާ އެކު މާލެ ބަދަލުވީ ކަމަށް ކަނޑުހުޅުދޫގެ ގިނަ ބަޔަކު ބުންޏެވެ.

އެކަމަކު، އެ މައްސަލަ އެއްވެސް މުއައްސަސާއަކަށް ރިޕޯޓެއް ވެސް ނުކުރެ އެވެ.

"މައްސަލައިގެ އަސްލު ފެށުމަކީ އެއީ. އެކަމަކު އެކަން ސިއްރުކޮށް އޭނާ [މުދިމުގެ އަންހެނުން] ރަށުން ފުރައިގެން ދިޔައީ. އޭގެ ފަހުން އަދި އޭނާ މި ރަށަކަށް ނާދޭ. އެހެންވީމާ ފުރަތަމަ ބަލަންވީ އެ މައްސަލަ ނޫންތޯ؟" މި ރަށުގެ ކެފޭއެއްގެ ތެރޭގައި ތިބި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

އޭނާގެ ވާހަކަ އަށް ހިތްވަރުދީ، އެކުގައި ތިބި އެހެން މީހުން ތަފްސީލް ދެމުން ބުނީ މުދިމުގެ ޖިންސީ ގޯނާގެ ޝިކާރައަކަށް އެ ފަހަރުވީ ކުއްޖާ ގޭތެރެއިން ރޮމުން ދުވެފައި ނުކުމެގެން ގޮސް ކައިރި ގެއެއްގެ މީހަކަށް އެ ވާހަކަ ކިޔައިދިން ކަމަށެވެ. މި ތުހުމަތަކީ، ހިނގި ކަމެއް ކަމަށް މި ރަށުން ވާހަކަ ދެއްކި ރަށުގެ ގިނަ ބަޔަކު ބުންޏެވެ.

ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަކުރާ ތިން މީހުން ދިރިއުޅު ގެ: މި ގޭގެ ފިހާރައިގެ މައި ދޮރު ބަންދުކޮށް އެެތެރެއަށް ވަންނަން ޖެހެނީ ގޭތެރެއިން ލާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަންހެނުން ދިރިއުޅުން މާލެ ބަދަލުކުރުމުން މުދިމު އުޅުނީ އެކަންޏެވެ. ދެ ފަހަރެއްގެ މަތިން މާލެ ދިޔަ ކަމަށް ބައެއް މީހުން ބުނެ އެވެ.

މުދިމުގެ އަންހެނުން މައްސަލަ އޮއްބާނުލައި އޭރު ރިޕޯޓް ނުކުރި ސަބަބަކަށް މި ރަށުގެ ބައެއް މީހުން ލަފާކުރަނީ، އޭރު ވެސް މުދިމުގެ އާއިލާގެ ނުފޫޒު ސަރުކާރުގެ އެކި މުއައްސަސާތަކުގައި އޮތުމެވެ. އެކަމަކު އެކަން ރިޕޯޓް ކުރި ނަމަ، އެފަދަ އެހެން ކަމެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަވީސް ކަމަށް މި ރަށުގެ ބައެއް މީހުން ދެކެ އެވެ.

"އޭގެ ފަހުން އެ މީހުން [މުދިމާއި ބައްޕަގެ އިތުރުން ދަރިފުޅު] އެ އުޅެނީ ބަންދު ކޮއްޓެއްގައި. އެތާ އުޅޭ ގޮތެއް، ކުރާ ކަމެއް މި ރަށުގެ އެހެން ބަޔަކަށް ނޭނގޭނެ،" އެކަކު ބުންޏެވެ.

އޭނާ އެ އިޝާރާތްކުރީ މުދިމު ދިރިއުޅޭ ގެ އަނދިރިކޮށްފައި އަބަދުވެސް ދޮރުތައް ލައްޕާފައި ހުންނަ ވާހަކަ އަށެވެ. މި ރަށުގެ ބައެއް މީހުން އެތަން ސިފަކުރަނީ "އަނދިރި ހޮހަޅައިގެ" ގޮތުގަ އެވެ. އެ ގޭގައި މުދިމު ފިހާރައެއް ހިންގި ނަމަވެސް ވިޔަފާރިކުރަން އެތަނަށް ދަނީ މަދު ބައެކެވެ. އެ ފިހާރައިގެ މައިދޮރު ބަންދުކޮށްފައި ހުންނަ އިރު ވަންނަން ޖެހެނީ ގޭތެރެއިން ލާފަ އެވެ.

"އަޑު އިވޭ ވާހަކަތަކުންނާ އެކު ބިރުން ދެން ނުދަނީ،" މި ރަށުގެ އަންހެނަކު ކިޔައިދިނެވެ.

ދެ އަހަރު ނުފުރޭ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލައިގައި މުދިމުގެ އިތުރުން އޭނާގެ ބައްޕަ އާއި ދަރިފުޅު ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ހައްުޔަރުކޮށްފަ އެވެ. ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު ކުރަނީ ކާފަ އާއި މުނި ކާފަ އަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ އެ ބައްޕަ އަށް ކުރަނީ އެނގި ހުރެ އިހުމާލުވުމާއި މަންމަގެ އާއިލާއާ ކުއްޖާ ހަވާލުކުރަން ދެކޮޅު ހެދުން ފަދަ ތުހުމަތުތަކެވެ.