ކޮރޯނާ ވައިރަހާ ގުޅިގެން 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލްކޮށްފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން މިރެއާ ހަމައަށް 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.


ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ރާއްޖެ އިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ވައިރަހާ ގުޅިގެން މި ފަހުން 2،083 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،466 ޓޫރިސްޓުންނަކީ ޗައިނާ މީހުންނަށް ވާއިރު، އެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަހުގައި ރާއްޖެ އޮތް ހާލަތާ ގުޅިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފައާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާ އިން ކުރަންޖެހޭ މަސައްކަތްތަކަށް ވަކިން ޓާސްކް ފޯހެއް އެކުލަވާލައި ހާލަތު ވަރަށް ގާތުން އަންނަނީ މޮނީޓާ ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އިކޮނޮމިކް ކައުންސިލާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގުތިސާދު އަންނާނީ އޭގެ ފަހުން. މިއަދު އޮންނަ ހާލަތެއް ނޫން މާދަމާ އޮންނާނީ. ނަމަވެސް އެ ހާލަތަކަށް ސަރުކާރު އޮތީ ތައްޔާރު ވެފައި. ނަގަން ޖެހޭ ޑިސިޝަނެއް ކަމާބެހޭ އިދާރާތަކާ އެކު ނަގާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދާ އެއްގޮތަށް ޓޫރިސްޓުން ސްކްރީންކޮށް ރިސޯޓްތަކާއި ގެސްޓު ހައުސްތަކަށް ވެސް އެކަމުގެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ތަންތަނުން ބަލި މީހަކު ފެނިއްޖެ ނަމަ، އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި މިހާރު އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގުތިސާދު އަންނާނީ އޭގެ ފަހުން. މިއަދު އޮންނަ ހާލަތެއް ނޫން މާދަމާ އޮންނާނީ. ނަމަވެސް އެ ހާލަތަކަށް ސަރުކާރު އޮތީ ތައްޔާރު ވެފައި. ނަގަން ޖެހޭ ޑިސިޝަނެއް ކަމާބެހޭ އިދާރާތަކާ އެކު ނަގާނެ،" އަލީ ވަހީދު

ސަރުކާރުން ވަނީ، ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ދީފަ އެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއާޕޯޓުތަކުގައި ކޮރޯނާވައިރަހަށް ސްކްރީން ކުރަމުން އަންނައިރު މިހާތަނަށް އެކަމަށް ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީން (ކ) އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ތާމަލް ކެމެރާ ބޭނުންކޮށްގެން މިވަގުތު ސްކްރީން ކުރަމުން އަންނަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 24 ތާމަލް ކެމެރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހަރުކޮށްގެން ސްކްރީން ކުރާ ކެމެރާ އަދި އަތުން ހިފައިގެން ގެންގުޅޭ ކެމެރާ ހިމެނެ އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 4500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. ޗައިނާ އިން މިހާރު ވަނީ އެ ވައިރަސް ފެތުރޭ ސަރަހައްދުތައް ކަރަންޓީން ކޮށްފަ އެވެ. އެހެންވެ އެ ސަރަހައްދުތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.