ޕޮޒިޓިވްވި ގިނަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން ކަމަށް ނެޝަނަލް ހެލްތު އެމެޖެންސީ ސެންޓަރުން މިއަދު ބުނެފި އެވެ.


އެ ސެންޓަރުން ބޭއްވި ނިއުސް ބްރީފިންގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ، 13 މީހުންގެ ތެރޭގައި ދެން ހިމެނެނީ ތުރުކީގެ މީހަކާއި އިނގިރޭސި ވިލާތުގެ މީހަކާއި ސައުތު އެފްރިކާގެ މީހަކާއި ޖަރުމަނުގެ މީހެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ގައުމުތައް ސަރުކާރުން މި ހާމަކުރީ ފުރަތަމަ ފަހަރަށެވެ. އެ މީހުންގެ ގައުމުތައް މި ހާމަކުރީ، ކޮވިޑްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވާ ނިއުސް ބްރީފިންތަކުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތައް ވަރަށް ގިނަ ވެފައި ވަނިކޮށެވެ.

މަބްރޫކް މިއަދު ވިދާޅުވީ، ކޮވިޑް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތުތައް މިހާތަނަށް ހާމަނުކުރީ ޕްރައިވަސީ އަށް ފުށުއަރާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ނަމަވެސް އެ މީހުންގެ ގައުމު އެކަނި ހާމަކުރުމަކުން އެފަދަ މައްސަލައެއް ދިމާވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައި ވަނީ ކުރެއްދޫގެ ފަސް މީހަކަށާއި ބަތަލާގެ ދެ މީހަކާއި ކުރަމަތީގެ ދެ މީހަކަށާއި އަނަންތަރާގެ ދިގު ރިސޯޓުގެ ދޭއް އަދި ފުވައްމުލަކުގެ ފަޅުތެރޭގައި އޮތް އައިލެންޑް ސަފާރީގެ ދެ މީހަކަށެވެ.

ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ އިޓަލީ މީހުން ކަމަށް ވާއިރު، އެ ގައުމުގައި މި ބަލީގެ ހާލަތު ބޮޑުވެ، އެ ގައުމުން ރާއްޖެ އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި އެ ގައުމުން ވެސް ވަނީ މުޅި ގައުމު "ބަންދު" ކޮށްފަ އެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް އުޅޭކަން އެނގުނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް އައި އިޓަލީގެ ޓޫރިސްޓަކު އެނބުރި ގައުމަށް ފަހު، އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން ރާއްޖެ އަށް އެންގުމުންނެވެ. އެހެންވެ، ކުރެއްދޫ ރިސޯޓުގެ ބައެއް މީހުން ޓެސްޓް ކުރިއިރު، ފުރަތަމަ ފަހަރު ވެސް ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ، މުޅި ގައުމު އެލާޓަށް އައީ އެވެ. ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންނަކީ ކުރެއްދޫގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. ފަހުން އެ ރިސޯޓުން ވަނީ ކޮވިޑް ބަލި ޖެހިފައިވާ އިތުރު ތިން މީހަކު ފެނިފަ އެވެ.

ކުރެއްދޫގެ އިޓަލީ ޓޫރިސްޓް މީހާ އަނބުރާ ފޮނުވައިލުމުގައި ބަޔަކު އިހުމާލުވެފައިވާ ކަމަށް ޝައްކު ކުރެވޭތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަކަށް ވަނީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފަ އެވެ.

އިޓަލީ އަކީ ރާއްޖެ އަށް ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށް ވާއިރު، މިހާރު ވެސް ރާއްޖޭގައި ގިނަ އަދަދެއްގެ އިޓަލީ މީހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމަކު، އިޓަލީގެ ސަރުކާރާ ގުޅިގެން އެ މީހުން ގައުމަށް ފޮނުވައިލުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، އެ މީހުން ބަލައި އަލިޓާލިއާގެ މަތިންދާބޯޓެއް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި މިހާރު ރާއްޖޭގައި ތިބި 200 މީހަކު އެ މަތިންދާބޯޓުގައި އަނބުރާ އިޓަލީ އަށް ފޮނުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.