ކޮވިޑް 19: ކާމިޔާބާ ގުޅިގެން ތައުރީފާއި ޝުކުރު

ކޮވިޑް 19ގެ ހާލު ބޮޑުވެގެން ފަރުކޮޅުފުށިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ އަށް ލި އިޓަލީގެ، އުމުރުން 70 އަހަރުގެ މީހާ އާއި އޭނާގެ އަނބިމީހާ މުޅިން ރަނގަޅުވުމާ އެކު އެ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރާއި ތައުރީފު އޮހެމުން އެބަ ދެ އެވެ.


އެ ދެ މީހުން ވެސް މިހާރު ކޮވިޑަށް ވަނީ ނެގެޓިވް ވެފަ އެވެ. އެ ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުން ދޫކޮށްލުމުގެ މަރުހަލާގަ އެވެ. އެހެން ނަމަވެސް، ދެ މީހުން ވެސް އަދި ދެ ހަފުތާ ވަންދެން އައިސޮލޭޓް ކުރާނެ އެވެ. އެ ދެ މީހުން ވެސް ކޮވިޑުން މިހާރު ސަލާމަތްވެފައިވާކަން އިއުލާން ކުރެއްވީ ސިއްހީ ދާއިރާގެ ޓީމަކާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ޕްރެސް ބްރީފިންއެއްގަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑްގެ ޕޮޒިޓިވް ދެ މީހުންނަށް ފަރުވާދިން ދިން އިރު އިޓަލީގެ އެ ޓޫރިސްޓް މީހާގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. އޭނާގެ ފުއްޕާމޭގެ ދެފަޅި އަށް ނިއުމޯނިޔާގެ އަސަރުކޮށް އެހެން ބަލިތަކެއް ވެސް ޖެހުނެވެ. އަދި ފުރަތަމަ ހަތަރު ދުވަހު އޭނާ އައިސީޔޫގައި އޮތީ ވަރަށް ކްރިޓިކަލް ހާލަތެއްގަ އެވެ. އެ މީހުންނަށް ފަރުވާ ދިން ޓީމުގެ އިސް ބޭފުޅެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވި އިސް ޑރ. މޫސާ ހަސަން މިރޭ ވިދާޅުވި ގޮތުގައި، ޑޮކްޓަރުން ވެސް ތިބީ ދެން ކުރާނީ ކީއްކަން ނޭނގޭ ހާލަތެއްގަ އެވެ.

އެކަމަކު ވަރަށް ގިނަ ތަޖުރިބާތަކެއް ޑޮކްޓަރުންނަށް ވެސް ލިބި އަދި ދެ މީހުން ރަނގަޅުވި ކަން އިއުލާން ކުރުމާ އެކު، ރާއްޖޭގެ ސިޔާސީ ބޮޑެތި ބޭފުޅުން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މީހުންނަށް ފަރުވާ ދެއްވި ޑޮކްޓަރުންނަށާއި ނަރުހުންނަށާއި މިކަމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކުރީގެ ރައީސް، އަދި ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ސަރުކާރަށާއި އެޗްޕީއޭ އަށް ތައުރީފުކުރައްވައިފަ އެވެ. އަދި އެއީ ގައުމަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އެކަން ސިފަކުރެއްވި އެވެ.

ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުގެ ތެރެއިން ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ ޣައްސާން މައުމޫން ވެސް ވަނީ، ދެ މީހުން ސަލާމަތްވެ، ދޫކޮށްލާ ހާލަތަށް ދިއުމުން، "އަލްހަމްދު ލިއްލާހި"އޭ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބައެއް ޕާލަމެންޓް މެމްބަރުންނާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް އެ ކާމިޔާބު ފާހަގަކުރެއްވި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާ ދެނީ އެންމެ މީހަކަށެވެ. އޭނާގެ ހާލު ވެސް ރަނގަޅެވެ.