ފެލައިނީއާ ބައްދަލުވި އެންމެން އަވަހަށް ރިޕޯޓްކުރަން އެދެފި

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި އެއްވެސް މީހަކު ހުރި ނަމަ އެކަން އަވަހަށް ރިޕޯޓް ކުރަން އިލްތިމާސްކޮށްފި އެވެ.


ފެލައިނީ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ޗައިނާ އަށް ދިޔަ ފަހުން މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ރާއްޖޭގައި ހުރިއިރު އޭނާއާ ކޮންޓެކްޓްވި ދެ މީހެއްގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެނުމުން އެ ދެ މީހުން މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. އަދި އެ ދެ މީހުންގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

ޗައިނާ އަކީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފެތުރުނު ގައުމެވެ. ނަމަވެސް އެ ގައުމުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ރާއްޖޭން ފުރައިގެން ދިޔަ ފަހުން ކަމަށް ވިޔަސް، އޭނާ ރާއްޖޭގައި ހުރި މުއްދަތުގައި ވެސް އެ ބަލި ޖެހިފައި ހުރުމުގެ ފުރުސަތު އޮތުމުން އެއީ ނުރައްކާތެރި ކަމަށެވެ. އެހެންވެ، އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް މާލޭގައި މިހާރު ކުރަމުން އަންނަ ކަމަށާއި އަދި އޭނާއާ އެއްވެސް ގޮތަކުން ބައްދަލުވި މީހަކު ހުރި ނަމަ، އެކަން ވަގުތުން ހޮޓްލައިނަށް ރިޕޯޓް ކުރަން އެދޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އަދިވެސް އަމިއްލަ އަށް ރިޕޯޓް ނުކުރައްވާ. އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިން އިން ފެންނަންދެން މަޑުކޮށްގެން އެބަ ތިބޭ. އެހެން ނަހައްދަވާ. އަމިއްލައަށް އެނގިވަޑައިގަންނަވާނެ މި ކުޅުންތެރިޔާއާ ބައްދަލުވެފައިި ހުރިއްޔާ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހުރީ ރީތިރަށް ރިސޯޓުގައި ކަމަށްވާތީ އެ ތަނުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އޭނާއާ އެއާޕޯޓުން ވެސް ބައްދަލުވި މީހަކު ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އެއާޕޯޓަށް ދަތުރުކުރި ކުޅުންތެރިއަކަށް ވާތީ ކޮންޓްކެޓްވި މީހުން މާލެ ސަރަހައްދުގައި އުޅެދާނެ ކަމަށް ބެލެވޭތީ ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަކީ މުހިންމު ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.

ފެލައިނީ ރާއްޖެ އައުމުން އޭނާއާ އެކު ބައެއް ދިވެހިން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެހެންވެ

ކޮވިޑް-19 ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.