ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ސަރުކާރުން ދޫކުރާ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވަޒީފާއިން މުވައްޒަފުން ވަކި ނުކުރާ ކުންފުނިތަކަށް ކަމަށެވެ.
އަމީރު ވިދާޅުވީ، ސްޓިމިއުލަސް ޕެކޭޖުތަކުން ކުންފުނިތަކަށް ދޫކުރާ ފައިސާ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އޮތުމަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދެއްކުމަށްޓަކައި ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.
ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ތައް މެދުވެރިކޮށެވެ. މީގެ ތެރެއިން ބީއެމްއެލް އިން ދޫކުރާނީ ވިޔަފާރިތަކަށް އަހަރަކު 10 މިލިއަން ރުފިޔާ ލިބޭ އާންމު ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކެވެ.
"މިހާތަނަށް ގިނަ ގައުމުތަކުން އެކުލަވައިލި ސްޓިމިއުލަސް ޕެކޭޖުތައް ހުރީ ގާތްގަނޑަކަށް މިގޮތަށް. މިއާ އެއްކޮށް ޑެޓް މޮރަޓޯރިއަމެއް ވެސް އެބަދެވޭ. އޭގެ މާނައަކީ ވިޔަފާރިތަކުން ވެސް ލޯނު ހަ މަހަށް ނުދައްކާނެއޭ. ދެން އޮންނާނީ އާންމުންގެ ވަޒީފާ ޔަގީން ކުރުމަށް ދޭ ސްޓިމިއުލަސް ޕެކޭޖެއް."
މިނިސްޓަރު ވަނީ ވަޒީފާތަކުން ވަކި ކުރާ މީހުން، އެ މީހުންގެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް އެދިފަ އެވެ. އަދި ލޯނުތައް ދިނުމުގައި ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތައް އިސްކަން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސާރަ ކަނޑާ އިރު 10،000ރ. އަށް ވުރެ ކުޑައެއް ނުކުރެވޭނެ
މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތަކަށް ލޯނު ދޭ އިރު 10،000ރ. އަށް ވުރެ މަދުން މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަ ކުރެވިގެން ނުވާނެ ކަމަށެވެ.
"އެ ކުންފުންޏެއްގެ ބިޒްނަސް ޑިސިޝަނަކަށް ވާނީ މިސާލަކަށް 40،000ރ. ލިބޭ މީހެއްގެ މުސާރައިން ކުޑަ ކުރާނެ ވަރު. އަޅުގަނޑުމެން އެގޮތަށް އެންފޯސް ކުރާކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިކޮޮނޮމިކް ރިކަވަރީ ޕެކޭޖުގެ ތެރެއިން ލޯނުތައް ހަ މަަހަށް ފަސް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. އެކަމަށްޓަކައި ހާއްސަ ފޯމެއް ފުރަން ޖެހޭ އިރު އޮންލައިންކޮށް ވެސް ލޯނު ފަސް ކުރަން އެދެވޭނެ އެވެ.
ބޭންކުން ކުރިން ކަނޑައަޅާފައިވާ ގޮތުން ލޯނު ފަސް ކުރުމާ މުއްދަތުގައި އިންޓްރެސްޓަށް ދައްކަންޖެހޭނީ ފިކްސްޑް އަދަދެކެވެ. އެހެންވެ އިންޓްރެސްޓްގެ މައްޗަށް އިންޓްރެސްޓް ނުވަތަ ކޮމްޕައުންޑް އިންްޓަރެސްޓް ދައްކާކަށް ނުޖެހޭނެ އެވެ. މި ބަދަލާ އެކު ވެސް އިންޓްރެސްޓްގެ ގޮތުގައި ވަކި އަދަދެއް ހަ މަސް ދުވަހު ދައްކަން ޖެހޭނެ އެވެ. ލޯނު ފަސް ކުރާ ހަ މަހަށް ފަހު ދެން އަންނަ ހަމަހުގައި ލޯނަށް ދައްކަން ޖެހޭ އަދަދުގެ 20 ޕަސެންޓް ކުޑަކޮށްދެވޭނެ އެވެ. އަދި ލޯނުގެ ބާކީ މުއްދަތަށް އިތުރު ހަ މަސް އިތުރުވެގެންދާނެ އެވެ.