ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގެވި އަމުރުގައި ވަނީ މާދަމާ ހަވީރު 6:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމާއި ގިނަ މީހުން އެއްވެ އުޅުން ހުއްޓާލުމަށެވެ.

ވަކިން ހާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި މާހެފުމާއި ދަތުރު ދިއުމާއި މޫދަށް އެރުމާއި ކުޅިވަރު ކުޅުން އަދި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލަން، ކަމާބެހޭ އިދާރާތަކަށް ފޮނުއްވި އަމުރުގައި ވެ އެވެ.

ދަތުރުކުރުން މަނާކޮށްފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން ވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ރަށްރަށުގެ ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ބެލުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިދިޔަ އަންގާރަ ދުވަހު ފުރަތަމަ ފަހަރަށް ފެނުމާއެކު، މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި ގުޅިފަޅު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. އޭގެ ކުރިން މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅުމާއި ކެފޭ/ރެސްޓޯރެންޓުތަކުގައި ކެއުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.

މާލެ ލޮކްޑައުންކުރި ފަހުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ. އެކަމަށް ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔާ ގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން އިންތިހާއަށް ގިނަވީ އިރުޝާދުތަކަށް ތަބާނުވެ، ޕާޓީތައް ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ކަންތައްތައް ކޮށްފައި ވާތީ ކަމަށެވެ.

އެ ބައްޔަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ސަބަބުން 207 ކޮންޓެކްޓްސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.