މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތުގައި ގޭގެ އަށް ތަކެތި ޑެލިވަރީ ކުރުމަށް މިހާތަނަށް 3،400 ލައިސަންސް ދީފައިވާ ކަމަށާއި މި އަދަދު މަދުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ އަދަދަށް މީހުން ނުކުމެ ޑެލިވަރީ ކުރަން އުޅޭ އިރު ވެސް ގޭގެ އަށް ތަކެތި ގެންގޮސްދިނުމަށް 2-3 ދުވަސް ނަގާ ކަމަށެވެ.
"އެހެންވީމާ ޑެލިވަރީ ކުރާ މީހުންގެ އަދަދު މިހާރު މި ހުރީ ކިރިޔާ ކޭޓާ ކުރެވޭ ވަރަށް. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޑެލިވަރީ ނުކުރެވެންޏާ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.
މި ވަގުތަށް އެސްޓީއޯ އިން ތަކެތި ޑެލިވަރީ ކުރުމުގަ އާއި ހޯލް ސޭލް ކުރުމުގައި ކާޑުގެ ބާވަތްތަކާއި މަހުގެ ބާވަތްތައް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޯޑަރު ކޮށްގެން ފަސް ދުވަސް ނުވަތަ ހަ ދުވަސް ނަގާ ކަމުގައިވާ ނަމަ، މިކަން އަވަސް ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުން މިއަދާ ހަމައަށް މާލެ އިން 50 އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ބައެއް ފިހާރަތަކުގެ މީހުން ވެސް ހިމެނެ އެވެ. އެގޮތުން ލިލީ ސްޓޯރާއި މާފަންނު އިހްސާނު ފިހާރައިގެ ބައެއް މުވައްޒަފުން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މޮނިޓަރިން ހާލަތުގައި ހުރި ފިހާރަތަކަށް ޑިސްއިންފެކްޓް ކުރާނެ
މަބްރޫކް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިގެން ބަންދުކޮށްފައިވާ ފިހާރަތަކާއި ގުދަންތައް ވަކި ވަގުތަކަށް ފަހު ޑިސްއިންފެކްޓް ކުރަން އަންގާފައިވާނެ އެވެ.
"އަޅުގަނޑުމެންގެ މި ވަގުތުގެ ސްޓެރެކްްޓެޖީ އަކީ ފޯކަސް ކުރަން ބޮޑެތި ސަޕްލައި ފިހާރަތަކުން، ވަކި ވަކި ގޭގެއަށް ގެންދިއުމުގެ ބަދަލުގައި ކަންމަތީ ފިހާރަތަކަށް ސަޕްލައި ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި އޮންްލައިންކޮށް ޕޭމެންޓް ހެދުން މުހިއްމު ކަމަށް ވިދާޅުވި އެވެ. މިހާރަށް ވުރެ ޑެލިވަރީގެ މަސައްކަތްތައް ލަސްވެއްޖެ ނަމަ، އިތުރު ވޮލެންޓިއަރުންނާއި ސަރުކާރުގެ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ވެސް ތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ޓެކްސީތަކާއި ފިކަޕް ފަދަ ވެހިކަލްތައް ވެސް ޑެލިވަރީ ކުރުމުގައި ބޭނުން ކުރެވެން އެބަހުރި ކަމަށް މަބްރޫކް ވދިާޅުވި އެވެ.
ޑެލިވަރީގެ ކަންކަން ހަމަޔަކަށް ނޭޅި، ރޯދަ މަސް ކުރިމަތިވެފައިވާއިރު ސަރުކާރުން މިހާރު ނިންމާފައި ވަނީ ފުލުހުން ހުއްދަ ދޭ ފިހާރަތަކެއް މާދަމާ ހެނދުނު 9 ން ރޭގަނޑު 12 އަށް ހުޅުވައިގެން ޚިދުމަތް ދިނުމަށެވެ. އެކަމަކު، އެއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ހަރުކަށި އުސޫލުތަކެއްގެ ތެރެއިންނެވެ.