ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ އާއި ވިިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ މި މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު، މި މަހުގެ 17 ން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލި އެވެ. އެ މުއްދަތު ހަމަވާނީ މާދަމާގެ މެންދުރަށެވެ.
އެކަމަކު، މާދަމާ އިން ފެށިގެން ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް 14 ދުވަހަށް އިތުރު ކުރުމުން އަންނަ މަހުގެ 14 އާ ހަމައަށް ކުރިއެކޭ އެއްގޮތަށް މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުންގެ ހާލަތުގަ އެވެ.
މި މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކަ އެވެ. އޭގެ ފަހުން މާލެ އަށް އެ ބަލި ފެތުރިފައިވާކަން ހާމަވެ، 150 އަށް ވުރެ ގިނަ މީހުން ވަނީ މާލެ އިން އެކަނި ވެސް ޕޮޒިޓިވްވެފަ އެވެ. މުޅި ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 250 އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި މިދިޔަ މާޗް 12 ން ފެށިގެން ރާއްޖޭގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.
ލޮކްޑައުންގެ މުއްދަތުގައި މަނާ ކަންކަން:
- އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން.
- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުން.
މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅަށް މީހުން އަރައި ފޭބުން.
އިސްތިސްނާ ފަރާތްތައް:
ސިފައިންނާއި ފުލުހުން.
- ސިއްހީ ޚިދުމަތް ދޭ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދުފަހަރު.
- އެމްބިއުލާންސް.
- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުން.
- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާގެ މީހުން.
- ފުލުހުން ހުއްދަ ދީފައިވާ ފަރާތްތައް.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ފެނިވަޑައިގަންނަވާ ހާލަތަށް ރިއާޔަތް ކުރައްވައި ކުރިއްސުރެ ވިދާޅުވަމުން ގެންދެވީ މާލެ ސަރަހައްދުގެ ލޮކްޑައުން އުވައިލާ ހިސާބަށް އަދި ނުދާ ކަމަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން މާލެ އިން އަދިވެސް ފެންނަމުން ދާއިރު، ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރެންޑަމް ސާމްޕަލް ނެގުން އެޗްޕީއޭ އިން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެ އެވެ. މަގުމަތީގައި އުޅޭ މީހުންނާއި ބިދޭސީންގެ ސާމްޕަލް ނެގުމަށް އެ އިދާރާ އިން މިހާރު ވަނީ ޚާއްސަ އިސްކަމެއް ދޭން ފަށައިފަ އެވެ.